21 Feb 2012, 16:27
އަވައްޓެރި ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި އަންނަ މަހު ފަށާ އޭއެފްސީ ޗެލެންޖް ކަޕުގައި ވާދަކުރުމަށް ގައުމީ ފުޓްބޯޅަ ޓީމު ރޭ ތައިލެންޑަށް ފުރައިފި އެވެ.
ޓީމް ރޭ ފުރިއިރު، ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) އެއް ނުދެ އެވެ.
މުބާރާތަށް ނެގި 23 ކުޅުންތެރިންގެ ސްކޮޑުގައި ވެސް ދަނގަޑޭ ހިމަނާފައިވާ އިރު، ޓީމާއެކު އޭނާ ރޭ ފުރާފައި ނުވަނީ، އޭނާގެ ފަޔަށް މިވަގުތު ލިބިފައިވާ އަނިޔާ އިން ފަރުވާހޯދަމުން ދާތީ ކަމަށް ގައުމީ ޓީމުގެ ކޯޗު އިސްތަވަން އުރުބާނީ ބުންޏެވެ. އެހެންވެ އޭނާ އަށް ރެސްޓު ދީފައިވާ ކަމަށް ޓީމުގެ މެނޭޖްމަންޓުން އިއްޔެ ވަނީ ބުނެފަ އެވެ.
ގައުމީ ޓީމް ރޭ ތައިލެންޑަށް ފުރުމުގެ ކުރިން، އިއްޔެ މެންދުރު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓީމުގެ ކޯޗް އުރުބާނީ ބުނީ، ދަނގަޑޭ އަކީ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށާއި އޭނާ މުބާރާތުގައި ބައިވެރި ވާނީ އޭނާ އަށް މިވަގުތު ލިބިފައިވާ އަނިޔާ އިން މުޅިން ރަނގަޅު ވުމުން ކަމަށެވެ. އަދި އަޝްފާގަށް މުބާރާތުގައި ބައިވެރި ވެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އުރުބާނީ ބުންޏެވެ.
އިއްޔެގެ ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަމުން އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ޝާހް އިސްމާއިލް ވިދާޅުވީ، މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމް ތައިލެންޑުގައި ކުރާ ކޭމްޕުގައި، އެ ގައުމުގެ ގައުމީ ޓީމާ އެކު ރަހުމަތްތެރި ކަމުގެ ފުޓްބޯޅަ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، އިތުރު ބައެއް މެޗްތައް ވެސް ތައިލޭންޑުގައި ކުޅޭނެ ކަމަށެވެ.
އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ތައިލޭންޑުގައި ގައުމީ ޓީމް ކޭމްޕްކުރުމަށް ފަހު، މުބާރާތުގައި ވާދަކުރުމަށް ނޭޕާލަށް ދާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.
މުބާރާތުގައި ރާއްޖެ ލައްވާލީ ގްރޫޕް އޭގަ އެވެ. ރާއްޖެއާ އެކު ހިމެނޭ ޓީމްތަކަކީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާއި ތުރްކުމެނިސްތާން އަދި ފަލަސްތީނެވެ.
މުބާރާތުގައި ރާއްޖެ މެޗް ކުޅޭ ދުވަސްތައް:
މާޗް މަހުގެ އަށް ވަނަ ދުވަހު: ރާއްޖެ އާއި ތުރްކުމެނިސްތާން
މާޗް މަހުގެ 10 ވަނަ ދުވަހު: ނޭޕާލާއި ރާއްޖެ
މާޗް މަހުގެ 12 ވަނަ ދުވަހު: ރާއްޖެ އާއި ފަލަސްތީން