13 Aug 2021, 13:56
އެމީހެއްގެ ރިޒުގު ހޯދުމަށްޓަކައި އަމިއްލައަށް މަސައްކަތް ކުރުމަކީ، މާތްﷲ ގެ މަގުގައި ޖިހާދުކުރުމާ އެއްފަދަ ކަމެއް ކަމަށް ހުތުބާގައި ބުނެފިއެވެ.
"ރިޒްގު ހޯދަން މަސައްކަތް ކުރުން" މި މައުލޫއުއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ވަނީ އެމީހެއްގެ އަމިއްލަ މަސައްކަތުން ހަޔާތް އާރަސްތުކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލާފައެވެ.
އެގޮތުން ރިޒްގު ހޯދުމަށްޓަކައި ހައްގު ގޮތުގައި މަސައްކަތް ކުރާ މީހަކަށް މާތް ﷲ ބަރަކާތް ލައްވައި، އެމީހެއްގެ އުންމީދުތަކާ ހަމައަށް ވާސިލުކޮށްދެއްވާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
މަސައްކަތެއް ނުކޮށް، އެހެން މީހުންނަށް ބަރޯސާވާ މީހަކަށް ނުވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
"އެމީހެއްގެ ރިޒްގު ހޯދުމަށްޓަކައި މަސައްކަތް ކުރާ މީހަކީ، މާތްﷲ ގެ މަގުގައި ޖިހާދުކުރާ މީހެއް ފަދަ މީހެކެވެ،" ހުތުބާގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ތިމާގެ ރިޒްގުގައި ބަރަކާތް ލައްވާ ކަންތައްތަކުގެ ތެރޭގައި ރަހިމުގެ ގުޅުން ދެމެހެއްޓުމާއި، ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުން ހިމެނޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
އަދި ފަގީރުންނާއި މުހުތާދުވެރިންނަށް ހޭދުކުރުމަކީވެސް ރިޒްގުގައި ބަރަކާތްލައްވާނެ ކަމެއްކަން ފާހަގަކޮށް ހުތުބާގައި ވަނީ ސަދަގާތް ކުރުމަށް ގޮވާލާފައެވެ.