ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް މިއަދު ރާއްޖެއިން 1،169 މީހަކު ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާއްމު ކުރި މައުލޫމާތުގައިވާ ގޮތުން މިއަދު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް މާލެ ސަރަހައްދުން 608 މީހަކު ޖެހިއިރު އަތޮޅުތަކުން 561 މީހަކު ޖެހިއެވެ. އަދި މިއަދު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު 1،029އަށް އަރައެވެ. އެއީ މާލެ ސަރަހައްދުން 456 މީހަކާއި އަތޮޅުތަކުން 573 މީހެކެވެ.

ރާއްޖެއިން މިހާތަނަށް 341،009 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 292،905 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ.

މީގެ އިތުރުން، އެޗްޕީއޭއިން ވަނީ މިއަދު 125 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 30 މީހަކު ހިމެނެއެވެ. އަދި އަތޮޅުތަކުން 66 މީހަކާއި ރިސޯޓްތަކުން 29 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އެޗްޕީއޭއިން އާއްމު ކުރި މައުލޫމާތުގައިވާ ގޮތުން މިއަދު ޓެސްޓު ކުރި ސާމްޕަލްތަކުގެ ތެރެއިން 2،114 ސާމްޕަލް ނަގާފައި ވަނީ މާލޭ ސަރަހައްދުންނެވެ.

މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 78،815އަށް އިތުރުވެފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 2،090 މީހުން ތިބިއިރު އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ 22 މީހުންނަށެވެ. އަދި މިހާތަނަށް ރާއްޖެއިން 76،491 މީހުން ކޮވިޑުން ރަނގަޅުވެފައިވާ އިރު ބަލީގައި ޖުމްލަ 222 މީހަކު މަރުވެފައިވެއެވެ.