ކުރިއަށް އޮތް 13، 14 އަދި 15ވަނަ ދުވަހުވެސް ރާއްޖޭގެ ސަރަހައްދުގެ މޫސުން ގޯސްވެ ވައިގަދަވާނެތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން އިލްތިމާސްކޮށްފިައެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މިހާރު މޫސުން ގޯސްވަމުން ދަނީ ހުޅަނގު މޫސުމުގެ އަސަރުގެ ސަބަބުންކަމަށެވެ.

"ހުޅަނގު މޫސުމާ ގުޅިގެން މިއީ. ހާއްސަކޮށް ކުރިއަށް އޮތް ތިން ދުވަހު އާންމުކޮށް ވައި ބާރުމިން ހުންނަ ވަރަށްވުރެ އިތުރުވާނެ،" އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން މި ތިން ދުވަހު ބައެއް ސަރަހައްދުތަކަށް އުދައިގެ އަސަރުކުރުމަކީވެސް އެކަށީގެންވާކަމެއް ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ކަނޑުގަދަވާނެކަމަށްވެސް ބުންޏެވެ.

އެއާއެކު ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މެޓު އޮފީހުންވަނީ އިލްތިމާސްކޮށްފައެވެ.

އަދި އުދައިގެ އަސަރުކޮށްފާނެކަމަށް ބަލާ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެ އޮފީހުން އިލްތިމާސްކުރެއެވެ.