މޮސްކޯ (ފެބްރުއަރީ 21) : ހުޅަނގާއެކު ހަތިޔާރު ރޭހެއް ފަށައިފިކަން ރަޝިޔާ އިޢްލާން ކޮށްފިއެވެ.

ރަޝިޔާގެ ކުރީގެ ރައީސް މިހާރުގެ ބޮޑުވަޒީރު އަދި އެޤައުމުގެ ރިޔާސީ ރޭހުގެ އެންމެ ކުރީގައި އުޅުއްވާ ކެންޑިޑޭޓް ވްލަޑިމޭރު ޕޫޓިން ވިދާޅުވީ ހުޅަނގުން ޔޫރަޕްގައި ޤާއިމްކުރާ ނޭޓޯގެ މިސައިލް އައްޑަނައިގެ ނިޒާމާ ކުރިމަތިލުމަށްޓަކައި ހުޅަނގާއެކު ހަތިޔާރުގެ ރޭހެއް ފެށުންނޫންގޮތެއްނެތް ރަޝިޔާއަށް މިހާރު ނެތްކަމަށާ އެހެންކަމުން ފިނިހަނގުރާމައަށްފަހު ހުއްޓިފައިވާ ހަތިޔާރުގެ ރޭސް މިހާރު އަލުން ފަށާފައިވާ ކަމުގައެވެ. ނަމަވެސް ހަތިޔާރުގެ ރޭސް ފެށުމުގެ ޒިންމާ އުފުލަންޖެހޭނީ ހުޅަނގުން ކަމަށް ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިންވިދާޅުވީ ރަޝިޔާ އަބަދުވެސް އޮންނަންޖެހޭނީ ޢަސްކަރީގޮތުން ހުޅަނގާ ތިލަފަތްހަމަ ޙާލަތެއްގައި ކަމަށާ މިކަމަށްޓަކައި ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރުހުރި ބައުހަތިޔާރު ޒަމާނީ ހަތިޔާރަށް ބަދަލުކުރުމުގެ މަސައްކަތް ރަޝިޔާއިން ފަށާފައިވާ ކަމުގައެވެ. ރަޝިޔާގެ ބައުހަތިޔާރު ޒަމާނީ ހަތިޔާރަށް ބަދަލުކުރުމަށްޓަކައި ކުރިޔަށްއޮތް އަށެއްކަ އަހަރުތެރޭގައި 773 ބިލިޔަން އެމެރިކާ ޑޮލަރުގެ ޕްލޭނެއް އެކުލަވާލައި އެއާއެއްގޮތަށް މަސައްކަތް ފަށާފައިވާ ކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.

ރަޝިޔާއަކީ މިހާރުވެސް ދުނިޔޭގައި ނިއުކްލިޔަރ ހަތިޔާރު އެންމެ ގިނަ ޤައުމެވެ. އެމެރިކާގައި 6 ހާސް ނިއުކްލިޔަރ ހަތިޔާރު ހުރިއިރު ރަޝިޔާގައި 8 ހާސް ނިއުކްލިޔަރ ހަތިޔާރު ހުރިކަމަށް ސްޓްރެޓީޖިކް ރިޕޯޓްތައް ބުނެއެވެ.

ހުޅަނގާއެކު ޢަސްކަރީ ތިލަފަތް ހަމަކުރުމަށް ހޯދުމަށް ރަޝިޔާ ނިންމާފައިވާ ހަތިޔާރުތަކުގެ ތެރޭގައި ނިއުކްލިޔަރ ވޯހެޑް އުފުލުމުގެ ޤާބިލްކަން ލިބިފައިވާ އިންޓަރކޮންޓިނެންޓަލް ބެލަސްޓިކް މިސައިލްގެ 4 ސަތޭކަ މިސައިލްއާއި 50 ނިއުކްލިޔަރ ސަބްމެރިން އާއި އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފައިޓަރޖެޓްގެ 600 ޖެޓްގެ އިތުރުން ކަނޑުގެ 90 ވަރަކަށް މަނަވަރު ހިމެނެއެވެ. މީގެއިތުރުން މަތިންދާބޯޓު އުފުލާ މަނަވަރުގެ 3 މަނަވަރު ބަނުމުގެ މަސައްކަތްވެސް ރަޝިޔާގެ ޢަސްކަރީ އިންޑަސްޓްރީން ގެންދަނީ ކުރަމުންނެވެ. -- ނޫސްއެޖެންސީތައް