މާލޭ ނީލަން ފިހާރަ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މީގެ 12 ވަރަކަށް އަހަރު ކުރިން ފެށިގެން މިއަދާ ހަމައަށްވެސް މާލޭގެ ނީލަން ފިހާރަ ހިންގަމުން އަންނަނީ ދައުލަތަށް، އެތަނުން އެއްވެސް އާމްދަނީއެއް ނުލިބޭ ގޮތަށް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ނީލަން ފިހާރައާ މެދު ދާއިމީ ހައްލެއް ގެންނަން އެބަ ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ނީލަން ފިހާރައަކީ ވަރަށް ގިނަ މީހުން ބޭނުން ކުރަމުން އަންނަ ތަނަކަށް ވާއިރު އެތަން ހިނގަމުން އަންނަނީ އެއްވެސް އުސޫލެއްގެ ތެރެއިން ނޫން ކަމަށެވެ.

"ސިސްޓަމް ތެރެއަށް މިތަން ވަންނަން އެބަ ޖެހޭ. މާލޭ ކޮންމެ ސިޓީއެއްގަ ހެން ސެކަންޑް ހޭންޑް މާކެޓެއް އޮވޭ. އެއީ އެ ސިޓީއެއްގަ ފުރިހަމަ ނިޒާމެއްގެ ތެރެއިން ކަންތައްތައް ރޭވިގެން ހިނގާއިރުގަ ހަމަ ބޭނުންތެރި ކަމެއް،" މޭޔަރު ވިދާޅުވިއެވެ.

"ކައުންސިލުން މިހާރު ނިންމާފަ މިވަނީ ނީލަން ފިހާރައަށް އިންޑަސްޓްރިއަލް ވިލެޖުން ބިމެއް ހަމަޖައްސާފަ އެތަނަށް ބަދަލު ކުރަން. އަޅުގަނޑުމެންނަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ އިންޑަސްޓްރިއަލް ވިލެޖުގެ ހުރަސް ތޮއްޓާ ދިމާލުން އެންމެ ކައިރިން ބިމެއް ކަނޑައަޅާފަ އާއްމުކޮށް އިއުލާނު ކޮށްގެން އެތަނަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ބަދަލު ވުމުގެ ފުރުސަތުދީ އެގްރިމެންޓެއްގެ ދަށުން ކުލި ނަގައިގެން އެތަން ހިންގަން ބަދަލު ކުރުން،"

މުއިއްޒު ވިދާޅުވީ ނީލަން ފިހާރައަކީ އެތައް ބައެއްގެ އާމްދަނީ އާ ގުޅި ލާމެހިފައިވާ ތަނެއް ކަމަށެވެ. އެހެންކަމުން އެތަނަކީ ވަކި ސިސްޓަމެއްގެ ތެރެއިން ހިނގާ އަދި ދައުލަތަށް އާމްދަނީއެއް ލިބޭނެ ނަތަކަށް ހައްދަވާނެ ކަމަށެވެ.