13 Aug 2021, 10:36
ޕްރޮޑިއުސަރު ސޮހައިލް މަޚްލާއީ ގެނެސްދޭ ވަރުގަދަ އެކްޝަން ފިލްމު "ދާކަޅް"ގެ ޝޫޓިން ބަތަލާ ކަންގަނާ ރަނައުތު ނިންމާލައިފިއެވެ.
ފިލްމުގެ ޝޫޓިން ނިމުނު ކަން އިންސްޓަގްރާމް މެދުވެރިކޮށް ހާމަކުރަމުން ކަންގަނާ ބުނީ މި ކެރެކްޓާއަކީ ވަރަށް ހާއްސަ ކެރެކްޓާއެއް ކަމަށާއި ފިލްމުގެ ޝޫޓިން ނިމުނަސް އެ ކެރެކްޓާ ދިރިހުންނާނެ ކަމަށެވެ.
މި ކެރެކްޓާއަކީ ޖެހިލުން ކުޑަ ކެރެކްޓާއެއް ކަމަށާއި މިއީ އެޖެންޓް އަގްނީ ކަމަށް ކަންގަނާ ވަނީ ބުނެފައެވެ. އަދި މި ފިލްމަކީ އިންޑިއާގެ ފުރަތަމަ އެކްޝަން ތްރިލާ ގެ ލީޑަކުން އަންހެން ތަރިއެއް ފެނިގެންދާ ފުރަތަމަ ފިލްމު ވެސް މެއެވެ.
އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ތިއޭޓާތަކުގައި ރިލީޒްކުރާ މި ފިލްމުގެ ލީޑު ރޯލުން ކަންގަނާ ރަނައުތު ފެނިގެންދާއިރު ފިރިހެން ލީޑުން ފެނިގެންދާނީ އެކްޓަރު އަރުޖުން ރާމްޕާލް އެވެ.
މި ފިލްމަކީ ރަޒްނީޒް (ރާޒީ) ގާއީ ޑައިރެކްޓްކޮށް އުފައްދާ ފިލްމެކެވެ. ފިލްމުގައި ކަންގަނާގެ އިތުރުން ހަރަކާތްތެރިވާނެ ތަރިންނަކީ ތައްބޫ، މިމޯ ޗަކްރަބަތީ އަދި މަނޯޖް ތިވާރީއެވެ.