ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު އެއް ޖީބީގެ ޑޭޓާ ލިބި، ހިލޭ ފޯނު ކުރެވޭ އާ ޕްލޭންތަކެއް ތައާރަފްކޮށްފިއެވެ.

ދިރާގުން "ސަޅި ޕްރިޕެއިޑް"ގެ ނަމުގައި ތައާރަފް ކުރި ޕްލޭންތައް ބަހާލެވިފައި ވަނީ އެއް ހަފުތާ، ދެ ހަފުތާ ނުވަތަ އެއް މަސްދުވަހުގެ މުއްދަތަށެވެ. އެގޮތުން އެއް ހަފްތާގެ ޕްލޭން 145 ރުފިޔާއަށް، ދެ ހަފްތާގެ ޕްލޭން 225 ރުފިޔާއަށް އަދި އެއް މަހުގެ ޕްލޭން 445 ރުފިޔާއަށް ލިބެން ހުންނާނެއެވެ.

އޭގެއިން ކޮންމެ ޕްލޭނަކުންވެސް ދުވާލަކު އެއް ޖީބީ ޑޭޓާ އާވެ، ހިލޭ ސޯޝަލް މީޑިއާ ޑޭޓާ އާއި ހިލޭ އަންލިމިޓެޑް ކޯލްސް ލިބޭނެއެވެ. އެހެންކަމުން އެއީ އެންމެ ގިނަ ޑޭޓާ އެންމެ އެކްޓިވޭޝަނަކުން ފޯރުކޮށްދޭ ޕްރީޕެއިޑް ޕްލޭން ކަމަށް ދިރާގުން ފާހަގަ ކުރިއެވެ.

މީގެ އިތުރުން، ސަޅި ޕްރިޕެއިޑް ތައާރަފުކުރުމާ ގުޅިގެން ދިރާގުން ވަނީ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އިނާޔަތެއްވެސް ދޭން ނިންމާފައެވެ. އެގޮތުން، ސަޅި ވީކްލީ އަދި ސަޅި ދެ ވީކްސް ޕްލޭނުން ކަސްޓަމަރުންނަށް އަންނަ މަހުގެ 12އާ ހަމަޔަށް އެއް ޖީބީގެ ބަދަލުގައި ދެ ޖީބީ ޑޭޓާ ކޮންމެ ދުވަހަކު ލިބޭނެއެވެ.

ސަޅި ޕްރިޕެއިޑް ޕްލޭނާ ބެހޭ ގޮތުން ދިރާގުގެ ކޮންސިއުމާ މާކެޓް މެނޭޖާ އައިޝަތު އިޝާނާ ވިދާޅުވީ އެއީ މުޅި މަހަށް ބަލާ ނަމަ، ރާއްޖޭގެ މާކެޓުން އެންމެ ހެޔޮ އަގުގައި ލިބޭ ޕްރިޕެއިޑް ޕްލޭންތައް ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުން ޑޭޓާ ބޭނުން ކުރާ މިންވަރު ބަލައި، ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތައް ބައްޓަންކޮށް އިތުރު ފުރިހަމަކަމާ އެކު ގިނަ ފައިދާތަކެއް ލިބިދޭގޮތަށް ޕްލޭންތައް ފަރުމާކުރުން. އެގޮތުން ޑޭޓާ ބޭނުންކުރާވަރު އިތުރުވެފައިވާ އޮތް މިދަނޑިވަޅުގައި މިއަދު މި ތައާރަފު ކުރި ޕްލޭންތަކުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 1 ޖީބީ ޑޭޓާ އެލަވަންސް ލިބި، ޑޭޓާއިން ގިނަ ކަންތައްތައް އެންމެ އެކްޓިވޭޝަނަކުން ފަސޭހަކަމާއެކު ކޮށްލެވޭނެ،" އިޝާނާ ވިދާޅުވިއެވެ.

ދިރާގުގެ ސަޅި ޕްރިޕެއިޑް ޕްލޭންތައް އެ ކުންފުނީގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް، ޕްރިޕެއިޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭނެއެވެ.