ގދ. ނަޑެއްލާ އާއި ށ. ފޯކައިދޫ މޮނިޓަރިންގެ ހާލަތުން ނަގައި އާންމު ހާލަތަށް ގެންގޮސްފިއެވެ.

ނަޑޭއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝާއު "ސަން"އަށް ވިދާޅުވީ މިއަދުގެ ވަގުތެއްގައި އެރަށުގެ މޮނިޓަރިންގެ ހާލަތު އުވައިލިކަން އެޗްޕީއޭއިން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މޮނިޓަރިން އުވާލި ނަމަވެސް އެއްވެސް ބޭނުމެއް ނެތި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން މަނާވާނެ ކަމަށެވެ. އަދި ބޭރުގައި އުޅޭއިރު މާސްކު އެޅުމާއި އެޗްޕީއޭގެ ގައިޑްލައިންތަކަށް ފުރިހަމައަށް އަމަލު ކުރޭތޯ ކައުންސިލުން ބަލަމުން ގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ޖުމުލަ 213 ފަރާތެއް މިރަށުން ޕޮޒިޓިވްވީ. އޭގެ ތެރެއިން ރިކަވާ ނުވެ ބާކީ ތިބޭނީ ސާދަ ފަރާތެއް. މިވަގުތު ސާޅީސް ދެ ގެ އިނީ ކަރންޓީނުގަ. އެއީ ޕޮޒިޓިވް ވެގެން ރަނގަޅުވެފަ ތިބި މީހުން ސާދަ ދުވަސް މަޑުކުރަން ޖެހޭތީ،" އަންޝާއު ވިދާޅުވިއެވެ.

އަންޝާއު ވިދާޅުވީ މޮނިޓަރިން އުވާލުމުން، އެރަށުގެ މިސްކިތްތައް މިވަގުތު ހުޅުވާލާފައިވާ ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ސްކޫލް ތަކުގެ ކިޔެވުންވެސް އަންނަ އާދީއްތަ ދުވަހު, ފެށޭނެ ކަމަށެވެ.

ފޯކައިދޫ ކައުސިލްގެ ރައީސް އަހްމަދު އާސިފް "ސަން"އަށް ވިދާޅުވީ ހާލަތު ރަނގަޅުވުމާ ގުޅިގެން އެރަށް، މޮނިޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށް އެޗްޕީއޭއިން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

"ބަލީގެ 10 ޕަސެންޓަށްވުރެ އިތުރަށް މި ކޮޅުގަ ސާމްޕަލް ނަގއިފިން. އެ ހުރިހާ ސާމްޕަލެއްވެސް ނެގެޓިވް. މިވަގުތު ރަށުގަ ތިބީ ކުރިން ޕޮޒިޓިވްވީ 14 ފަރާތެއް. އެމީހުން މިހާރު ތިބީ ކަރަންޓީނުގަ. މިރަށް މޮނިޓަރިންގަ އޮތްއިރު ސަތޭކަ ފަންސާހުން މައްޗަށް ކޭސްތައް އުފުލިގެން ދިޔަ،" އާސިފް ވިދާޅުވިއެވެ.

ފޯކައިދޫން މިހާތަނަށް ޕޮޒިޓިވްވީ 155 މީހުން ނެވެ. މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ ޖުމުލަ 14 މީހުންނެވެ.