ހއ. ހޯރަފުށީ ސީވިއު ހުސެއިން މުހައްމަދު މަނިކު (ހުސޭނުބޭ) މަރާލި މައްސަލައިގައި ދައުވާލިބޭ ތިން މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ޓަކައި ދައުލަތުން ގިނަ ހެކިތަކެއް މިއަދު ޝަރީއަތަށް ހުށަހަޅައިފި އެވެ.

އެ މައްސަލައިގައި ވައްކަމާއި ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކޮށްފައިވަނީ ހޯރަފުށީ ސޯސަންވިލާ، ނުއުމާން އަބްދުﷲ އާއި އެރަށު އުންމީދީ މަންޒިލް، އަހުމަދު އިބްރާހިމް އާއި، ހުސޭނުބެއަށް ބޮޑުބޭބެ ކިޔާ އެރަށު ޅޮހީގޭ މުހައްމަދު ލަތީފް ގެ މައްޗަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ހުސޭނުބޭގެ ކޮޓަރިން ފުލުހުން ނެގި އައިޑީކާޑާއި ސިޓީއުރައިން ނުއުމާންގެ ފިންގާ ޕްރިންޓް ދިމާވާ ކަމަށެވެ. އަދި އެކަން ސާބިތުކުރުމަށްޓަކައި ފިންގާ ޕްރިންޓް ކޮންޕްރިޝަން ދެ ރިޕޯޓް ވަނީ ޝަރީއަތަށް ހުށަހަޅާފައެވެ.

ހުސޭނުބޭގެ ގެއިން ވައްކަންކުރިކަން ނުއުމާންގެ މައްޗަށް ސާބިތުކުރުމަށްޓަކައި ހަ މީހަކު އަދި ޓެރަރިޒަމްގެ ދައުވާ ސާބިތުކުރުމަށްޓަކައި ހަތަރު މީހަކު ހެކީންގެ ގޮތުގައި ހުށަހެޅި އެވެ.

އަހުމަދު އިބްރާހިމް އާއި ދެކޮޅަށް ހެކިބަސް ނެގުމަށްޓަކައި ވެސް ތިން މީހަކާއި، އަދި އޭނާގެ ގެއިން ހުސޭނުބޭ ލައިގެން ހުރި ފަޓުލޫނާއި ގަމީސް އަދި ފެނުނުއިރު ހުސޭނުބޭ ލާ ޖެކެޓް ފުލުހުން ހޯދާފައިވާ ކަމަށް ވިދާޅުވެ އެކަން ސާބިތުކުރުމަށްޓަކައި ވެސް ދައުލަތުން ވަނީ ހެކި ހުށަހަޅާފަ އެވެ.

ޓެރަރިޒަމްގެ ދައުވާ އާއި ހުސޭނުބޭގެ ގެއިން ވައްކަން ކުރިކަން ލަތީފުގެ މައްޗަށް ސާބިތުކުރުމަށްޓަކައި ވެސް ތިން މީހަކު ހެކީންގެ ގޮތުގައި ހުށަހެޅި އެވެ.
މީގެ އިތުރުން އެ ތިން މީހުން ތަހުގީގަށް ބަޔާންދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިން ވެސް ދައުލަތުން މިއަދު ޝަރީއަތަށް ހުށަހެޅި އެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެ ތިންމީހުން ތަހުގީގު ބަޔާނަށް އިންކާރު ކުރާނަމަ ވީޑިއޯރެކޯޑިން ޝަރީއަތަށް ބަލައި ނުގަންނާނެ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ހުސޭނުބޭ މަރާލި ކަމަށް އެ ތިން މީހުން ފުލުހުނަށް ދިން ބަޔާނުގައި އާއި ކޯޓުގައި ވެސް އަމިއްލައަށް އިއުތިރާފު ވެފައިވާކަމަށެވެ. އެކަން ސާބިތުކުރުމަށްޓަކައި ހއ. ދިއްދޫ ކޯޓާއި، ކްރިމިނަލް ކޯޓުގެ އަމުރުތަކެއް ވެސް ދައުލަތުގެ ވަކީލު ޝަރީއަތަށް ހުށަހެޅި އެވެ.

ނުއުމާނުގެ ގެއިން ކޮނެގެން ފައިސާތަކެއް ވެސް ނަގާފައިވާކަމަށާއި އެކަން ސާބިތުކުރުމަށްޓަކައި ވެސް ދައުލަތުން ވަނީ ހެކި ހުށަހަޅާފަ އެވެ. އަދި އެތިން މީހުން ފައިސާ ބަހަން ތިބިކަން ސާބިތުކުރުމަށްޓަކައި ސީން އޮފް ކްރައިމް ރިޕޯޓެއް ވެސް ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ. އަދި އެތިން މީހުންގެ ފޯންކޯލްގެ ތަފްސީލުތައް ވެސް ވަނީ ޝަރީއަތަށް ހުށަހަޅާފައެވެ.

އަހުމަދު އިބްރާހިމްގެ ވަކީލު ވިދާޅުވީ ހާދިސާ ހިނގިރޭ އޭނާ އެރަށުގައި ނޫޅޭކަމަށާއި އެރޭ 9:00 ގައި ހަތަރު މީހުންނާއި އެކު އޭނާ ދިޔައީ މަސް ބާނަން ކަމަށެވެ. މަސްބާނަން ދިޔައީ ކިހިނެތްތޯ އާއި މަސްބާނަން ހަރަކާތްތެރިވި ގޮތް ގާޒީ ވަނީ އަހުމަދު އިބްރާހިމް ކައިރިން އޮޅުންފިލުވާފަ އެވެ.

އޭނާ ބުނީ އޭނާ މަހަށް ދިޔައީ ހަތަރު މީހުންނާއެކު އޭނާގެ އަމިއްލަ ދޯންޏެއްގައި ކަމަށާއި އެ ދޯންޏަކީ 18 ފޫޓުގެ ކުޑަ ދޯންޏެއްކަމަށެވެ.

އެރަށު ތުނޑީގައި ވަޅުލާފައިވާ ފައިސާތަކެއް ކޮނެގެން އަހުމަދު އިބްރާހިމް ނަގާފައިވާކަމަށް ވިދާޅުވެ އެކަން ސާބިތުކުރުމަށްޓަކައި ވެސް ދައުލަތުން ހެކި ހުށަހެޅި އެވެ. އަހުމަދު އިބްރާހިމްގެ ވަކީލު ވިދާޅުވީ އޭނާގެ އަތުން ފެނުނުކަމަށް ބުނާ ފައިސާތަކަކީ އޭނާގެ ދޯންޏެއް ވިއްކައިގެން ލިބުނު ފައިސާތައް ކަމަށް އަހުމަދު ބުނާކަމަށާއި އެ ދޯނި ގަތްމީހާ ޝަރީއަތަށް ހާޒިރުކުރުމަށް ބޭނުންވާ ކަމަށެވެ.

އެ ދޯނި ވިއްކާލީ ކާކަށްތޯ ގާޒީ އެއްސެވުމުން ވަކީލު ވިދާޅުވީ އެ ދޯނި ވިއްކާލީ އަހުމަދު އިބްރާހިމްގެ ކޮއްކޮމެން ކަމަށާއި އެހެންކަމުން އެއީ ކާކުކަން ނޭނގޭ ކަމަށެވެ.

މި މައްސަލައިގައި ވަކީލަކު އައްޔަށްކޮށްފައި ނުވަނީ ހަމައެކަނި ލަތީފު އެވެ. ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތު ލަތީފު އަށް އެރުވުމުން ލަތީފު ބުނީ ދެ މައްސަލައިގައި ވެސް ދިފާއުގައި ހުށަހަޅާނެ ހެއްކެއް ނެތްކަމަށެވެ. އޭނާބުނީ އޭނާގެ މައްޗަށް އެ މައްސަލަ ސާބިތުކުރެވޭވަރުގެ އެއްވެސް ހެއްކެއް އަދި ގަރީނާއެއް ވެސް ނޯންނާނެ ކަމަށާއި އެކަން ދައުލަތަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"ގެރެންޓީއާއި އެކު މިބުނަނީ. އަޅުގަނޑާއި ދެކޮޅަށް ހުށަހެޅޭނެ އެއްވެސް ހެއްކެއް ގަރީނާއެއް ނޯންނާނެ. އެކަން ދައުލަތުގެ ވަކީލަށް ރަނގަޅަށް އެނގޭނެ،" ލަތީފް ބުންޏެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ހެކީން ޝަރީއަތަށް ހާޒިރުކުރާނެކަން އިއުލާންކުރެއްވުމަށް ފަހު އެވެ.