14 Jul 2010, 11:09
14:30
ސިވިލްސާވިސް ކޮމިޝަން އެކުލަވާލުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮންނަ ގޮތަށް، ސިވިލްސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހް ގެނެސްފައިވާތީ، ތަސްދީގު ނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ބިލު ކުރިން ވެސް އޮތްގޮތަށް ތަސްދީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މި ބިލުގެ ބަހުސްގެ މަރުހަލާ ނިމި ވޯޓަށް އެއްސެވުމުން، ބިލް ފާސްކުރައްވާފައި ވަނީ، އެވަގުތު މަޖިލީހުގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން 41 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މި ބިލަކީ ރައީސް ތަސްދީގު ނުކުރައްވައި ފޮނުއްވި ބިލެއްކަމުން، މަޖިލީހުގެ ބާރުގައި ބިލު ތަސްދީގު ކުރުމަށް، 39 ވޯޓު ލިބެންޖެހޭނެ އެވެ.
މީގެ ކުރިން، ރައީސް ތަސްދީގު ނުކުރައްވައި މަޖިލީހަށް ފޮނުއްވި، ލޯކަލް ކައުންސިލްތަކުގެ އިންތިތާބުގެ ބިލަށް އިސްލާހް ގެނައުމަށްފަހު ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި, ސިވިލް ސާވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލަށް ބަހުސް ކުރެއްވުމަށް ހުޅުވާލެއްވި ފުރުސަތުގައި، ހޫނުގަދަ ބަހުސެއް ތަޅުމުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، މި ބިލަކީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުތައް ރައްޔިތުންގެ މަޖިލީހުގެ އަތްމައްޗަށް ފިރުކައިލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާސްކޮށްފައިވާ ބިލެއް ކަމަށެވެ. ނަމަވެސް އިދިކޮޅު ފާރްތަކުން ވިދާޅުވަމުން ގެންދެވީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވަމުން ގެންދަވާ ކަމަށެވެ. އެހެންކަމުން މިފަދަ ބާރުތައް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވެ ސަރުކާރުގެ ސިޔާސަތުތަކަށް އެ މެންބަރުން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ސިވިލް ސާވިސް ކޮމިޝަން އެކުލަވާލާނީ، ރައްއީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ނަންފުޅުތަކަކަށް މަޖިލީހުގެ ރުހުންދީގެން ކަމަށް، މިހާތަނަށް ގާނޫނުގައި އޮތް ނަމަވެސް މި ގެނެވުނު އިސްލާހާ ގުޅިގެން ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށް ގެންދާނީ ރައްޔިތުންގެ މަޖިލީހުންނެވެ.