12 Aug 2021, 17:12
ޖިނާއީ އަދުލުގެ ނިޒާމް އަދި ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކާއި ހެކިވެރިންނަށް ލިބެން ހުންނަ އެހީއާ ގުޅޭ މުހިންމު މައުލޫމާތު އެކުލެވޭ ހަ އަތްމަތީފޮތްތަކެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން ނެރެފިއެވެ.
މިފޮތްތަކަކީ ޕީޖީ އޮފީހުގެ ވިޓްނެސް އަދި ވިކްޓިމް ސަޕޯޓު (ޑަބްލިއުވީއެސްޔޫ) ޔުނިޓުން ދޭ ހިދުމަތްތައް އެކުލަވާލެވޭ ފޮތްތަކެވެ. އަދި ރާއްޖޭގައި ޖިނާއީ އަދުލުގެ ނިޒާމު ހިނގާ ގޮތާއި، ހެކިވެރިންގެ ހެކިބަހުގެ މަރުހަލާތައް ކުރިޔަށްދާ ގޮތް އަދި ކުށުގެ ވެށިން އެ ކުށްތަކުގެ ޝިކާރައަކަށް ވާ ފަރާތްތަކަށް ހުރި އެހީތަކާއި، ކުރިމަތިވާ ދަތިތަކާއި އުނދަގޫތަކާއި ކުރިމަތިލާނޭ ގޮތް މި ފޮތްތަކުގައި ބަޔާންކޮށްފައިވެއެވެ.
"ރާއްޖޭގެ ކްރިމިނަލް ޖަސްޓިސް ސިސްޓަމް އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރައްޔިތުންގެ މެދުގައި އިތުބާރާއި ހިތްވަރު ނެތުން. މިކަން މިހެން ދިމާވަނީ ރައްޔިތުންނަށް މި ސިސްޓަމް ހިންގާ ގޮތް ނޭނގޭތީ. މި ފޮތްތަކުގެ އެހީގައި ރައްޔިތުންގެ އިތުބާރު ވަރުގަދަވާނެ ކަމަށް އުންމީދު ކުރަން،"
"މިފޮތްތަކުގެ އެހީގައި ރައްޔިތުންނަށް ކްރިމިނަލް ޖަސްޓިސް ސިސްޓަމް ހިންގާ ގޮތާއި މި ސިސްޓަމުން ރައްޔިތުންނަށް ރައްކާތެރިކަމާއި ހިމާޔަތް ފޯރުވައިދޭގޮތް އެނގިގެން ދާނެ،" ފޮތްތައް ނެރުމުގެ މުނާސަބަތުގައި ޕްރޮސިކިއުޓާ ޖެނެރަލް މުހައްމަދު ހުސައިން ވިދާޅުވިއެވެ.
މިއަދު ނެރެފައިވާ މިފޮތްތަކަކީ ޕީޖީ އޮފީހާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓު ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ގުޅިގެން އޮސްޓްރޭލިއާ ސަރުކާރުގެ ޑިޕާޓްމެންޓު އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްސްގެ އެހީއާއެކީ އެކުލަވާލެވިފައިވާ ފޮތްތަކެކެވެ.
"ކުށްތަކަށް އަދަބު ދޭގޮތާއި އަނިޔާ ލިބޭ ފަރާތްތައް އަދި ކުށްކުރާތަން ފެންނަ ފަރާތްތަކަށް ލިބޭ އެހީއާ ގުޅޭގޮތުން ރައްޔިތުންނަށް އެނގުމަކީ ވަރުގަދަ ޑިމޮކްރެޓިކް ސިސްޓަމްއެއްގެ ފެށުން،" ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮސްޓްރޭލިއާގެ ހައި ކޮމިޝަނާ ޑޭވިޑް ހޮލީ ވިދާޅުވިއެވެ.
މިއަދު ނެރެފައިވާ ހަ އަތްމަތީފޮތްވެސް ޕީޖީ އޮފީހުގެ ހުރިހާ ބްރާންޗަކުން ލިބެން ހުންނާނެއެވެ. އަދި ޑަބްލިއުވީއެސްޔޫއާއި ޕީޖީގެ ފަރާތުން ބާއްވާ ބައްދަލުންވުންތަކުންވެސް މި ފޮތްތައް ލިބޭނެއެވެ. އަދި ހަމަ އެހެންމެ ޕީޖީ އޮފީހުގެ ވެބްސައިޓުންވެސް މިފޮތްތަކުގެ ޑިޖިޓަލް ކޮޕީ ލިބެން ހުންނާނެއެވެ.