ބ. ދަރަވަންދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރު ކުރުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

މި އަހަރުގެ މާޗު މަހުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއިން ވަނީ ބ. ދަރަވަންދޫ އަދި އެ އަތޮޅުގެ އިތުރު ދެ ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރު ކުރުމުގެ މަޝްރޫއުތަކެއް އާރްޑީސީއާ ހަވާލުކޮށްފައެވެ.

އާރްޑީސީއިން މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރީ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ.

އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި ދަރަވަންދޫ ދަނޑުގެ ފެން ހިންދާ ނިޒާމުގެ 90 ޕަސަންޓު މަސައްކަތް މިހާާރު ވަނީ ނިމިފައެވެ.

މީގެ އިތުރުން އެ ދަނޑުގެ ވެލިފުރޮޅުމުގެ މަސައްކަތުގެ 90 ޕަސަންޓްވެސް ވަނީ ނިމިފައެވެ. ދަނޑުގެ ބިން އެއްވަރު ކުރުމުގެ މަސައްކަތުގެ 24 ޕަސަންޓު ވަނީ ނިމިފައެވެ.

ދަރަވަންދޫ ދަނޑުގެ ބިން އެއްވަރު ކުރުމުގެ މަޝްރޫއަކީ 2.2 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.