12 Aug 2021, 14:43
ނިމިދިޔަ ސީޒަނުގެ ޔޫރަޕާ ލީގު ފައިނަލުން ބަލިވުމަކީ ލިބުނު ބޮޑު ހިތްދަތި ކަމެއް ކަމަށާއި މި ސީޒަނުގައި އޭނާ ބޭނުން ވަނީ ޔުނައިޓެޑާއެކު ތަށްޓެއް ކާމިޔާބުކުރުމަށް ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އޮލޭ ގުނާ ސޯލްޝެއާ ބުނެފިއެވެ.
ސޯލްޝެއާ ބުނީ ގިނަ ދުވަސްތަކަކަށް ފަހު މެޗުތަކަށް ސަޕޯޓަރުން ވަނުމަށް ހުއްދަ ދިނުމަކީ ބޮޑު އުފަލެއް ކަމަށާއި ސަޕޯޓަރުންގެ އެހީގައި ރަނގަޅު ކާމިޔާބީއެއް ހޯދޭނެކަމަށެވެ.
ޔޫރަޕާ ލީގު ފައިނަލުގައި ވިލަރެއާލް އަތުން ބަލިވުމަކީ ލިބުނު ހިތްވަރެއް ކަމަށް ބަލައި މި ސީޒަނަށް ތައްޔާރު ވަނީ ބޮޑެތި މެޗުތަކުން މޮޅުވާން ކަމުގައި ސޯލްޝެއާ ބުންޏެވެ.
ތަށްޓެއް ނުލިބި ގިނަ ދުވަސްތަކެއްވެފައިވާއިރު ޔުނައިޓެޑުން ވަނީ އާ ސީޒަނަށް ބޮޑެތި ހަރަދުތަކެއް ކޮށްފައެވެ. އެގޮތުން އެ ކުލަބުން ވަނީ އިނގިރޭސި ޒުވާން ތަރި ޖޭޑަން ސަންޗޯގެ ސޮއި ހޯދާފައެވެ. އަދި ރެއާލް މެޑްރިޑުގެ ތަޖުރިބާކާރު ޑިފެންޑަރު ރަފައޭލް ވަރާންވެސް ވަނީ ޔުނައިޓެޑާ ގުޅުމަށް އެއްބަސްވެފައެވެ.
ޔުނައިޓެޑުގެ ސްކޮޑާ މެދު ސްކައި ސްޕޯޓްސްއިން ކުރި ސުވާލަކަށް ޖަވާބު ދެމުން ސޮލްޝެއާ ބުނީ ޓީމުގެ ކުޅުންތެރިންނާ މެދު މިހާރު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ.
"މި ކުޅުންތެރިން ގޮވައިގެން ރަނގަޅު ހިސާބަކަށް ދެވޭނެ ކަމުގެ އުންމީދު އެބައޮތް. މި ކުޅުންތެރިންނަށް ހާސިލު ނުވާ ވަރުގެ ކަމެއް ނެތް،" ސޯލްޝެއާ ބުންޏެވެ.
ލީގަށް ވާދަ ކުރެވިދާނެތޯ ކުރި ސުވާލަށް ސޯލްޝެއާ ދިނީ ފިނި ޖަވާބެކެވެ. އޭނާ ބުނީ ލީގު ނަގާނީ ވާދަވެރި މެންޗެސްޓާ ސިޓީއިން ކަމަށެވެ.
ޕްރިމިއާ ލީގުގެ އާ ސީޒަން ހުޅުވައިދޭ މެޗުގައި އާދީއްތަ ދުވަހު ރޭ އާސެނަލް ނިކުންނާނީ އަލަށް ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ބްރެންޓްފޯޑް އާއި ދެކޮޅަށެވެ.
ޔުނައިޓެޑުގެ ފުރަތަމަ މެޗު އޮތީ އާދީއްތަ ދުވަހު ރާއްޖެ ގަޑިން ހަވީރު 16:30 ގައެވެ. އަމިއްލަ ދަނޑުގައި ޔުނައިޓެޑު ނިކުންނަނީ ލީޑްސް އާއި ދެކޮޅަށެވެ.