ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އިމާރާތްކޮށްފައިވާ އާ ސީޕްލޭން ޓާމިނަލް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފައިނުވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްއޭސީއެލްގެ ސްޕޯކްޕާސަން ހަސަން ރަޝީދު "ސަން" އަށް މިއަދު ވިދާޅުވީ މީޑިއާގައި ދައުރުވަމުންދާ ހަބަރަކީ ދޮގެއްކަމަށެވެ. އަދި މިހާތަނަށް ބީޔޫސީޖީއިން ސީޕްލޭން ޓާމިނަލް އެ ކުންފުންޏާ ހަވާލުކޮށްފައިނުވާކަމަށެވެ.

"ހަވާލެއް ނުކުރޭ އަދި. ތިކަހަލަ އެއްވެސް މައުލޫމާތެއް އަދި ނެތް ލިބިފައެއް،" ރަޝީދު ވިދާޅުވިއެވެ.

އެމްއޭސީއެލް އިން މިހެން ބުނެފައިވާއިރު ޗައިނާގެ ނޫހެއް ކަމަށްވާ "ޝިންހުއާ" އިން ވަނީ ބީޔޫސީޖީ އިން ސީޕްލޭން ޓާމިނަލް އެ ކުންފުންޏާ ހަވާލުކޮށްފައިވާކަމަށް ބުނެ ރިޕޯޓުކޮށްފައެވެ.

ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހުއެވެ. އެ ޓާމިނަލް ނިންމާ މި އަހަރުގެ މޭ މަހު ބޭނުން ކުރަން ފެށޭނެ ކަމަށް އެމްއޭސީއެލް އިން މީގެ ކުރިން ބުނި ނަމަވެސް އެކި ސަބަބުތަކާހުރެ ލަސްތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. ސީޕްލޭން ޓާމިނަލްގެ ކޮންޓްރެކްޓުގެ އަގަކީ 40 މިލިއަން ރުފިޔާއެވެ.