21 Feb 2012, 15:26
ބަނގުރާ ބުއިމުގެ ސަބަބުން ކުރިމަތިވާ ސިއްޙީ މައްސަލަތައް އިނގިރޭސިވިލާތުގައި ވަރަށް ބޮޑަށް އިތުރުވެގެން ހިނގައްޖެކަން ކަމާބެހޭ ދިރާސާއަކުން ހާމަވެއްޖެވެ.
މެޑިކަލް މަޖައްލާއެއް ކަމަށްވާ "ލާންސެޓް"ގައި ޝާއިޢުކޮށްފައިވާ މިދިރާސާގައި ސިއްޙީ ތަޖްރިބާކާރުންވަނީ ބަނގުރާ ބުއިމުގެ ސަބަބުންޖެހޭ ބަލިތަކުގައި ކުރިޔަށްއޮތް 8 އަހަރުތެރޭގައި އިނގިރޭސިވިލާތުން ދެލައްކަމީހުން ފަނާވެގެންދާނެ ކަމުގެ އިންޒާރުދީފައެވެ. ބަނގުރާ ބުއިމުގެ ސަބަބުން ޖެހޭކަމަށް މިދިރާސާގައި ފާހަގަކޮށްފައިވާ ބަލިތަކުގެ ތެރޭގައި ލޭމައްޗަށްދިޔުމާއި ހިތުގެ ބަލިތަކާއި ހިތްހުއްޓުމުގެ އިތުރުން ޗިސްމޭ ހަލާކުވުން، ކެންސަރު އަދި ސިކުޑިއަށްޖެހޭ ސްޓްރޯކާއި ސިކުނޑީގެ ތެރެއަށް ލޭނާރު ފަޅައިގެންދިޔުން (ބްރެއިން ހެމްރޮޖް) ހިމެނެއެވެ.
މަސްތުވާވަރަށް ބަނގުރާ ބުއިން އިނގިރޭސިވިލާތުގައި ޢާންމުވެފައިވާ ކަމަށާއި މަސްތުވުމުގެ ސަބަބުން މަގުމަތީގެ އެކްސިޑެންޓްތައް ގިނަވެ އަމިއްލައަށް މަރުވުން އިތުރުވެ މީހުންނަށް ޙަމަލާދީ މާރާމާރީ ހިންގުން އިތުރުވެފައިވާ ކަމަށްވެސް މި ދިރާސާއިން ބުނެއެވެ.
އިނގިރޭސިވިލާތުގައި ބަނގުރަލަށް ދެވިހިފާފައިވާ މީހުންގެ ނިސްބަތް ބޮޑުވެފައި މިކަމުގެ ގެއްލުންތައް ޤައުމީ ފެންވަރުގައި ފެންނަމުންދާތީ ބޮޑުވަޒީރު ޑޭވިޑް ކެމެރޮން މދިޔަ ހަފްތާގައިވަނީ މަސްތުވާމިންވަރަށް ބަނގުރާ ބޯ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް ސަރުކާރުން އަޅާނެކަމުގެ އިންޒާރު ދެއްވާފައެވެ.
މަސްތުވާމިންވަރަށް ބަނގުރާ ބުއިމަކީ އަޚްލާޤީގޮތުން ދަށުދަރަޖައިގެ ފަޟީޙަތެއް ކަމަށް ސިފަކުރެއްވުމުގެ މިކަމުގެ ސަބަބުން އިނގިރޭސި އިޤްތިސާދު ބަލިކަށިވެ އިނގިރޭސި ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ އިންޒާރުވެސް ކެމެރޮންވަނީ ދެއްވާފައެވެ. ބަނގުރަލުގެ ސަބަބުން އިނގިރޭސި ސިއްޙީ ދާއިރާއަށް އަހަރަކު 4.3 ބިލިޔަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާންޖެހޭކަންވެސް ކެމެރޮން ހާމަކުރައްވާފައިވެއެވެ.
ފަރަންސޭސިވިލާތުގައިވެސްވަނީ ބަނގުރަލުގެ ނުރައްކަލާމެދު އިންޒާރުގެ ރަނގަނބީލު ޖަހަންފަށާފައެވެ. ފަރަންސޭސި ސިއްޙީ ތަޖްރިބާކާރުންނާއި ސޯޝަލް ސައެންޓިސްޓުން ވަނީ ޢާންމުތަންތާނގައި ބަނގުރާ ބުއިން ހުއްޓުވުމަށް ޓަކައި އާންމުން ހޭލުންތެރިކުރުވުމުގެ ކެންޕޭނެއް ފެށުމަށް ގޮވާލައްވާފައެވެ. ފަރަންސޭސިވިލާތުގެ ގިނަބަޔަކު ބަނގުރަލަށް ދެވިހިފާފައިވުމުގެ ސަބަބުން އިޤްތިސާދީ ގެއްލުންތައް ބޮޑުވެ ސިއްޙީ ނިޒާމަށް ބާރުބޮޑުވަފައިވާ ކަމަށް އެޤައުމުގައި ޝާއިޢުކޮށްފައިވާ ރިޕޯޓްތައް ބުނެއެވެ.
ބަނގުރަލުގެ މައްސަލަ ސިއްޙީ، އިޖްތިމާޢީ އަދި އިޤްތިސާދީ ކާރިސާއަކަށް ވުމާގުޅިގެން 90 ގެ އަހަރުތަކުގައި ބަނގުރަލާދެކޮޅަށް ހަރުކަށި ބައެއް ފިޔަވަޅުތައް އަޅަން ރަޝިޔާއަށް މަޖްބޫރުވެފައިވެއެވެ. މިފިޔަވަޅުތަކުގެ ސަބަބުން ބަނގުރާ ބޭނުން ކުރާމިންވަރު 25 ޕަސެންޓަށް ދަށަށްދިޔަކަން ރަޝިޔާ ސަރުކާރުން އެދުވަސްވަރު ހާމަކޮށްފައިވެއެވެ.
މިދިޔަ ހަފްތާގައި އެމެރިކާގައި ނެރުނު ދިރާސާއަކުން ހާމަވާގޮތުގައި އެމެރިކާގެ ކުޑަކުދިންގެ ތެރެއިން 10 ޕަސެންޓް ކުދިން (7.5 މިލިޔަން ކުޑަކުދިން) ވަނީ އެކުދިންގެ މައިންބަފައިންގެ ސަބަބުން ބަނގުރަލަށް ދެވިހިފާފައެވެ. މިގޮތަށް ބަނގުރަލަށް ދެވިހިފާފައިވާ ކުދިންގެ ޗިސްމޭ ހަލާކުވުންފަދަ ސިއްޙީ ބޮޑެތި މައްސަލަތައް އެކުދިންނަށް ކުރިމަތިވެފައިވާކަންވެސް މިދިރާސާއިން ވަނީ ހާމަވެފައެވެ.