12 Aug 2021, 13:45
ޓެކުހާ ގުޅޭ ކަންކަމުގައި ބޭރުގެ އެހީ ހޯދުމަށްޓަކައި ރާއްޖެއިން ކޮންވެންޝަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓަންސް އިން ޓެކްސް މެޓާސް (އެމް.އޭ.އޭ.ސީ) ގައި ސޮއިކޮށްފިއެވެ.
މި މަހުގެ 11 ވަނަ ދުވަހު ޕެރިސްގައި ހުންނަ އޯއީސީޑީގެ ހެޑްކުއާޓާސްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއިން ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ސާބިރުއެވެ.
އެމް.އޭ.އޭ.ސީގައި އެއްބަސްވެފައިވާ ކަންތައްތައް ތަންފީޒުކުރާނެ ގޮތްތައް ކަނޑައަޅައި، މައުލޫމާތު ބަދަލުކުރުމަށާއި ސިއްރު ހިފެހެއްޓުމުގެ ގޮތުން ވަކި ހަމަތަކަކާއި އުސޫލުތަކަކަށް ޓެކުހާގުޅޭ އިދާރާތަކުގެ މެދުގައި އެއްބަސްވުމަށްޓަކައި އިތުރު ދެ މުއާހަދާއެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލު މިއަދު ވަނީ ސޮއިކުރައްވާފައެވެ.
އެ މުއާހަދާތަކަކީ މަލްޓިލެޓަރަލް ކޮމްޕިޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން އޮޓޮމެޓިކް އެކްސްޗޭންޖް އޮފް ފައިނޭންޝަލް އެކައުންޓް އިންފޮމޭޝަން "އެމް.ސީ.އޭ.އޭ-ސީ.އާރް.އެސް" އަދި މަލްޓިލެޓަރަލް ކޮމްޕިޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން ދަ އެކްސްޗޭންޖް އޮފް ކަންޓްރީ-ބައި-ކަންޓަރީ ރިޕޯޓްސް "އެމް.ސީ.އޭ.އޭ-ސީ.ބީ.ސީ" އެވެ.
ރާއްޖޭގައި ބައިނަލްއަގްވާމީ ޓެކްސް އިންފޮމޭޝަން ސްޓޭންޑަޑްތައް ގާއިމުކުރުމަށްޓަކައި ގްލޯބަލް ފޯރަމް އޮން ޓްރާންސްޕޭރަންސީ އެންޑް އެކްސްޗޭންޖެ އޮފް އިންފޮމޭޝަން އޮން ޓެކްސް މެޓާސް (ގްލޯބަލް ފޯރަމް) ގެ މެންބަރެއްގެ ގޮތުގައި ރާއްޖެއިން ބައިވެރިވެފައިވަނީ ފެބްރުއަރީ 2016 ގައެވެ. އެ އަހަރުން ފެށިގެން އެ ސްޓޭންޑަޑްތައް ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގްލޯބަލް ފޯރަމްގެ އެހީތެރިކަމާއެކީ މީރާއިން ދަނީ ކުރަމުންނެވެ.

ގްލޯބަލް ފޯރަމްއަކީ އެ ފޯރަމްގެ ބައިވެރިންގެ މެދުގައި ދެފުށް ފެންނަ ނިޒާމެއްގެ ދަށުން މައުލޫމާތު ބަދަލުކޮށް ޓެކްސް ނިޒާމުތައް އިތުރަށް ހަރުދަނާކޮށް ޓެކްސް ދެއްކުމުން އެއްކިބާވުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް މަސައްކަތްކުރުމަށް އެކުލަވައިފައިވާ ފޯރަމްއެކެވެ. އެ ފޯރަމްގައި 160 އަށްވުރެ ގިނަ ގައުމާއި ފައިނޭންޝަލް ސެންޓަރުތަކުން ބައިވެރިވެފައިވެއެވެ.
މި މުއާހަދާގައި ސޮއިކުރުމުން، މި މުއާހަދާގައި ބައިވެރިވާ އެހެން ގައުމުތަކާއެކު ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭ ގޮތަށް، ގާނޫނީ އިމުގެ ތެރެއިން މީރާއަށް މައުލޫމާތު ބަދަލުކުރެވޭނެއެވެ.
ހަމައެއާއެކު މުއާހަދާގައި ބައިވެރިވާ ގައުމުތަކުގެ މެދުގައި ޓެކުހާ ގުޅޭކަންކަމުގައި އިދާރީ އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ. އޭގެ ތެރޭގައި އެކްސްޗޭންޖް އޮފް އިންފޮމޭޝަން އޮން ރިކުއެސްޓް (އީ.އޯ.އައި.އާރް)، އޮޓޮމެޓިކް އެކްސްޗޭންޖް އޮފް އިންފޮމޭޝަން (އޭ.އީ.އޯ.އައި) އަދި ސްޕޮންޓޭނިއަސް އެކްސްޖޭންޗް އޮފް އިންފޮމޭޝަން ހިމެނެއެވެ. އަދި ސާވިސް އޮފް ޑޮކިއުމަންޓްސްގައި އެހީތެރިވުމާއި ޓެކްސް އެގްޒަމިނޭޝަންތައް ހިންގުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކުހަށް މަކަރުހަދާ އަދި ޓެކްސް ދެއްކުމުން އެއްކިބާވާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށް އެހީތެރިކަން ލިބޭނެއެވެ.
އެމް.އޭ.އޭ.ސީއިން ބާރުދޭ އެއް ސްޓެންޑަޑް ކަމުގައިވާ ކޮމަން ރިޕޯޓިން ސްޓޭންޑަޑް (ސީ.އާރު.އެސް)ގެ ދަށުން، މުއާހަދާގައި ބައިވެރިވާ ގައުމުތަކުގައި ރާއްޖޭގެ ޓެކްސް ރެޒިޑަންޓެއް ހުޅުވާފައިވާ ބޭންކް އެކައުންޓްތައް އަދި އެހެނިހެން ފައިނޭންޝަލް އެކައުންޓްތަކުގެ ތަފްސީލް މީރާއަށް ލިބޭނެއެވެ.
އޭގެ ތެރޭގައި ފަރުދުންގެ އެންމެހައި އެކައުންޓްތަކުގެ ތަފްސީލާއި ކުންފުނި އަދި އެފަދަ އެހެނިހެން އެންޓިޓީތަކުގެ އެކައުންޓްތަކުގެ ތެރެއިން 250,000 އެމެރިކާ ޑޮލަރުގެ ބެލެންސް ނުވަތަ އަގު ހުރި އެކައުންޓްތަކުގެ މައުލޫމާތު ހިމެނެއެވެ.
ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުން ޓެކްސް ދައްކަން ޖެހޭނީ އެ ފަރާތަކަށް ރާއްޖެއިން އަދި ބޭރުން ލިބޭ އާމްދަނީ ވެސް ހިމަނައިގެން އެ ފަރާތަށް ލިބޭ ޖުމްލަ އާމްދަނީން ކަމުން، މިފަދަ މައުލޫމާތު 143 އެހެން ގައުމަކުން ލިބުމަކީ ޓެކްސް ދެއްކުމުން އެއްކިބާވުމަށް މަސައްކަތްކުރުން ހުއްޓުވުމަށާއި އާމްދަނީ ލިބޭ މިންވަރަށްވުރެ ދަށުން ރިޕޯޓްކުރާ ފަރާތްތައް ދެނެގަތުމަށް މީރާއިން ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މީރާއިން ބުނެއެވެ.
މީގެ އިތުރުން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގެ ދަށުން، ކޮންސޮލިޑޭޓެޑް ގްރޫޕު ރެވެނިއުގެ ގޮތުގައި 750 މިލިއަން ޔޫރޯއަށްވުރެ އިތުރަށް ލިބިފައިވާ މަލްޓިނެޝަނަލް އެންޓަޕްރައިޒް (އެމް.އެން.އީ) ގްރޫޕްތަކުގެ ތެރެއިން ރާއްޖޭގައި ކޮންސްޓިޓުއަންޓް އެންޓިޓީތައް ގާއިމްކޮށްފައިވާ އެމް.އެން.އީ ގްރޫޕްތަކުގެ މާލީ މައުލޫމާތުވެސް މީރާއަށް ލިބޭނެއެވެ.
ރާއްޖެއަށް ބޭރުގެ އިދާރާތަކުން މައުލޫމާތު ފޯރުކޮށްދޭ ފަދައިން ރާއްޖެއިންވެސް މުއާހަދާގައި ބައިވެރިވެފައިވާ އެހެން ގައުމުތަކަށް މައުލޫމާތު ފޯރުކޮށްދޭނެއެވެ. ބޭރުގެ އިދާރާތަކާ ހިއްސާކުރާ ފައިނޭންޝަލް އެކައުންޓްގެ މައުލޫމާތުތައް މީރާއާއި ހިއްސާކުރާނީ ކޮމަން ރިޕޯޓިން ސްޓޭންޑާޑްގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ މާލީ އިދާރާތަކެވެ.
ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިން ގަވާއިދުގެ ދަށުން މީރާއަށް ނޯޓިފިކޭޝަން ހުށަހަޅާފައިވާ އެންޓިޓީތަކުން ވެސް ސީ.ބީ.ސީ ރިޕޯޓިންއަށް ބޭނުންވާ މައުލޫމާތު ހުށަހަޅަން ޖެހޭނެއެވެ. ކޮމަން ރިޕޯޓިން ސްޓޭންޑަޑްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މާލީ އިދާރާތައް ފުރަތަމަ ފަހަރަށް މައުލޫމާތު ހުށަހަޅަންޖެހޭ ސުންގަޑިއަކީ ޖުލައި 31، 2022 އެވެ.
ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގެ ދަށުން ނޯޓިފިކޭޝަން ހުށަހަޅާފައިވާ އެންޓިޓީތަކުން މިއަހަރުގެ ޖެނުއަރީ 1 ނުވަތަ އޭގެ ފަހުން ފެށޭ ރިޕޯޓުކުރާ ފިސްކަލް އަހަރުތަކަށް ނިސްބަތްވާ ރިޕޯޓް ހުށަހަޅަން ޖެހޭނީ ރިޕޯޓުކުރާ ފިސްކަލް އަހަރު ނިމިގެން 12 މަސްދުވަސް ހަމަވުމުގެ ކުރިންނެވެ. އިންފޮމޭޝަން ސްޓޭންޑަޑްތައް ގާއިމުކުރުމަށްޓަކައި ޓެކުހާގުޅޭ ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި މީރާއިން ވަނީ ފިނޭންސް މިނިސްޓްރީގެ ޓެކްސް ޕޮލިސީ ޔުނިޓާއެކު ގިނަ މަސައްކަތްކޮށްފައެވެ.
ގާނޫނަށް ގެނެވުނު ބަދަލުތަކުގެ ދަށުން ތައްޔާރުކުރަންޖެހޭ ގަވާއިވުތަކާއި ޕޮލިސީތައް މިހާރު ތައްޔާރުކޮށްފައިވާއިރު، އެ ސްޓެންޑަޑްތައް ތަންފީޒު ކުރުމަށް ބޭނުންވާ އިތުރު މައުލޫމާތާއި ގައިޑްތައް މީރާގެ ވެބްސައިޓް އަދި އެކި މީޑިއާތަކުގައި ޝާއިއުކުރާނެ ކަމަށް މީރާއިން ބުނެއެވެ.
އެ ސްޓޭންޑަޑްތައް ކާމިޔާބުކަމާއެކީ ތަންފީޒުކުރުމަށްޓަކައި ސީ.އާރް.އެސްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މާލީ އިދާރާތަކާއި އެމް.އެން.އީ ގްރޫޕްތަކުގެ ކޮންސްޓިޓުއަންޓް އެންޓިޓީތަކުގެ އެއްބާރުލުން ބޭނުންވާކަމަށް މީރާއިން ފާހަގަކުރެއެވެ. އެ މައުލޫމާތު ހުށަހެޅުމަކީ ގާނޫނުން ލާޒިމުކުރާ ކަމަށްވާތީ، މައުލޫމާތު ހުށަނާޅާ ފަރާތްތަކާ މެދު ޓެކުހާ ގުޅޭ އިދާރީ ޤާނޫނުގެ 65 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށްވެސް މީރާއިން ބުނެއެވެ.