12 Aug 2021, 13:09
މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ "ބުލޮކު ވެރިޔާ" ހޮވުމަށް ބާއްވާ އިންތިހާބު އަންނަ އޮކްޓޯބަރު މަހުގެ 30 އަށް ފަސްކޮށްފިއެވެ.
ކުރިން އެ އިންތިހާބު ބާއްވަން ހަމަޖައްސާފައި އޮތީ މި އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ބުލޮކު ވެރިޔާއަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، މިއަދުގެ 10:00 އިން ފެށިގެން އަންނަ ސެޕްޓެމްބަރ މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މި އިންތިހާބުގައި ބައިވެރިވެވޭނީ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ މީހުންނަށެވެ. އެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ފުރިފައިވުމާއި، އެމީހަކު އެ ކުރިމަތިލާ ބުލޮކެއްގައި ދިރިއުޅޭ މީހެއްކަމުގައިވުމުގެ އިތުރުން ވަށްކަން، ޓެކުން، ފޭރުން، ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިނުވާ މީހެއް ކަމުގައިވުން ހިމެނެއެވެ.
އޭގެ އިތުރުން އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް، ޖިންސީ ޖިސްމާނީ ހާނިއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
އަދި އެފަދަ މައްސަލައެއްގެ ތަހުގީގުގައި ބަންދުވެފައިވާ މީހެއްކަމުގައި ނުވުމާއި، ތަހުގީގުގެ މަރުހަލާގައި ހުރި މީހެއްކަމުގައި ނުވުންވެސް ހިމެނެއެވެ.
ބްލޮކުތަކަށް ވެރިން ހޮވަން ނިންމާފައިވާކަން އިއުލާނުކުރައްވައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބްލޮކް ލީޑަރުން ނެގުމުގެ ބޭނުމަކީ ރައްޔިތުންގެ ބޭނުންތައް ފުދޭތޯއާއި ރައްޔިތުންގެ ހާލަތު މިހާރަށްވުރެ ގާތުން ބެލުން ކަމަށެވެ.
ބްލޮކްތަކުގެ ވެރިންނަށް އަދި އެއްވެސް މުސާރައެއް ނުވަތަ އުޖޫރައެއް ދޭން ކަނޑައަޅާފައި ނުވި ނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވެ، ހަމައަކަށް އެޅުމުން ކޮންމެވެސް އުޖޫރައެއް ދެވޭ ގޮތަށް ބަދަލުކުރުމަކީ ކައުންސިލްގެ އުންމީދެއް ކަމަށް މީގެ ކުރިން މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އަދި އުޖޫރައެއް ނުހިނގި ނަމަވެސް، ގެޒެޓު ކުރެވޭ ގަވާއިދެއްގެ ދަށުން ބްލޮކްތަކުގެ ވެރިންނަށް ކަނޑައަޅާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަޔާން ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.