12 Aug 2021, 12:03
ސްރީލަންކާގެ މައުންޓް ލެވިނިއާގައި 15 އަހަރުގެ ކުޑަކުއްޖަކު ލައްވާ ހަށިވިއްކުވި މައްސަލައިގައި، އެކުއްޖާގެ އިޝްތިހާރު ޖެހި ހަތަރު ވެބްސައިޓު މަނާކުރަން އެގައުމުގެ ކޯޓަކުން އަމުރުކޮށްފިއެވެ.
ލަންކާ ފުލުހުންގެ ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އަޖިތު ރޮހާނާއާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނީ އެ ކުއްޖާގެ ހަށިވިއްކުމާ ގުޅޭގޮތުން އިޝްތިހާރު ޖެހި ހަތަރު ވެބްސައިޓު ބޭން ކުރުމަށް، ލަންކާގެ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަންގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޯޓުން އެގޮތަށް އަމުރުކުރީ ލަންކާ ފުލުހުންގެ ކުޑަކުދިންނާއި އަންހެނުންގެ ބިއުރޯގެ އެދުމުގެ މަތިންނެވެ.
އެ ހަތަރު ވެބްސައިޓުގައި ކުއްޖާ އިޝްތިހާރުކޮށްގެން ތިން މަސްދުވަހުގެ މުއްދަތަކަށް އެކުއްޖާ ލައްވާ ހަށިވިއްކުވާފައިވާކަން، އެ މައްސަލައިގެ ތަހުގީގުގައި ލަންކާ ފުލުހުން ވަނީ ހޯދާފައެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މައްސަލައިގައި މިހާތަނަށް 40 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި މަނާކުރި ވެބްސައިޓުތައް ހިންގާ މީހުންނާއި ކުއްޖާގެ މަންމަގެ އިތުރުން ރާއްޖޭގެ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީވެސް ހިމެނެއެވެ.
އަޝްމަލީ އެ އަންހެން ކުއްޖާއަށް ފައިސާ ދިނީ މަސާޖުކުރަން ކަމަށް އޭނާގެ ވަކީލުންނާ ހަވާލާދީ އޭއެފްޕީ ނޫހުން މީގެ ކުރިން ރިޕޯޓުކޮށްފައެވެ.