ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި ޖަލަށް ލުމަށް ހުކުމް ކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނައުމަށް ފުލުހުންގެ ކިބައިން އެދޭނެ ކަަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމަށް އޭނާ ހާޒިރުވެފައި ނުވާތީ އޭނާގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން ވަނީ އިއްވާފައެވެ.

ކަރެކްޝަންގެ މީޑިއާ އޮފިޝަލް އައިމިނަތު ޔުސްރީން "ސަން" އަށް ވިދާޅުވީ މިއަދުގެ ވަގުތެއްގައި އަލީ ވަހީދުގެ ހުކުމް ކަރެކްޝަންސްއަށް ލިބިފައިވާ ކަމަށެވެ. އެގޮތުން އަލީ ވަހީދަކީ ރިމާންޑުގައި ނެތް ފަރާތެއް ކަމުން، ހުކުމް ތަންފީޒުކުރަން އޭނާ ކަރެކްޝަންސްއާ ހިސާބަށް ގެނެސްދިނުމަށް ފުލުހުންގެ ކިބައިން އެދޭނެ ކަމަށް ޔުސްރީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ކުޑަ އިރުކޮޅެއް ކުރިން ހުކުމް ލިބިފަ ވަނީ. އެހެންވީމަ އޮންނަ އާންމު އުސޫލުގެ ދަށުން އަޅުގަނޑުމެންގެ ރިމާންޑުގަ ނެތް ފަރާތެއްގެ މައްޗަށް ހުކުމް ތަންފީޒުކުރަން ލިބޭ އިރަށް އަޅުގަނޑުމެން އެދޭނީ ފުލުހުންނަށް. އެމީހަކު އަޅުގަނޑުމެންނާ ހިސާބަށް ގެނެސްދޭން،"

"ހަމަ އެ އުސޫލުން އަލީ ވަހީދު ގެނެސްދޭންވެސް ކަރެކްޝަންސް އިން އެދޭނެ،" ޔުސްރީން ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް ކުރަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރެ އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ.

އެ ދައުވާ އުފުލާފައި ވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އޭނާގެ ގާތް އެކުވެރިޔާ އަސްއަދު އަލީ ޖާމިނު ކުރުމަށްފަހު ބޭސްފަރުވާއަށް ދިޔުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިނުމުންނެވެ. އެ ދަތުރަށް ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަސްދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ.

އެއާއެކު އޭނާގެ މައްޗަށް ކޮށްފައިވާ ޖިންސީ ގޯނާގެ ތުހުމަތުގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ވަނީ އޮންލައިންކޮށް ކުރިޔަށްގެންދަން ފަށާފައެވެ. އެހެންނަމަވެސް އެފަދަ ޝަރީއަތްތައް އޮންލައިންކޮށް ކުރިޔަށް ނުގެންދެވޭނެކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހުށަހަޅާފައެވެ. އަލީ ވަހީދު ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކުގައި ބައިވެރިވަމުންދިޔައީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަން މެދުވެރިކޮށެވެ.

ސުޕްރީމް ކޯޓުން އަލީ ވަހީދުގެ މައްޗަށް ހުކުމް ކުރީ އެ މައްސަލައިގެ އަޑުއެހުމަށް ހާޒިރުނުވެ، ކޯޓުގެ ހުރުމަތް ކެނޑިކަމުގެ މައްސަލައިގައެވެ.