21 Feb 2012, 15:01
ރައީސް ނަޝީދުގެ ސަރުކާރު ވެއްޓުމަށް ދިމާވި ކަންކަމާއި ހާލާތްތަކާއި ގުޅޭގޮތުން މިނިވަން ތަހުގީގެއްކޮށް އެ ތަހުގީގުގެ ހޯދުންތައް އާއްމުކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ކަމާ ބެހޭ ފާރާތްތަކަށް ގޮވާލައިފި އެވެ.
ޓްރާންސްޕޭރަންސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވެގެން ދިޔަ ގޮތުގެ ތަހުގީގެއް ކުރަންވާނީ ހުރިހާ ފަރާތްތަކުން ގުޅިގެން ވަކިން ހާއްސަކޮށް ސިޔާސީ ފާރާތްތަކުން އިތުބާރުކުރާ އަދި އެއްބަސްވާ ބަޔަކު މެދުވެރިކޮށް ކަމަށެވެ.
ގައުމު މިވަގުތު ވެއްޓިފައިމިވާ އަނދަވަޅުން އަރައިގަތުމަށްޓަކައި ސިޔާސީ ހުރިހާ ޕާޓީތަކުންނާއި ކަމާ ގުޅޭ ހުރިހާ ފަރާތަކެއްގެ މެދުގައި ބާއްވާ މަޝްވަރާގެ މައްޗަށް ބިނާކޮށް، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް މަގުފަހިވާ ފަދަ މާހައުލެއް ގާއިމްކުރުމަށް ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް އެޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.
ޓްރާންސްޕޭރަންސީން ބުނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަ ދިއުމުގައި ހިންގާދިޔަ ކަންތައްތަކަކީ ގާނޫނު އަސާސީގެ އިމުގެ ބޭރުން ހިންގާފައިވާ ކަންކަން ކަމަށް ބުނެ ބައެއް ފަރާތްތަކުން ކުރާ ތުހުމަތަކާ މެދު އެޖަމިއްޔާއިން ހިތާމަ ކުރާ ކަމަށާއި ވެރިކަން ބަދަލުވުމުގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން އެބާރުތަކުގެ އިމްތިޔާޒުން ބޭރުން އަމަލުތަކެއް ހިންގާފައިވާ ކަމުގެ ސީރިއަސް ޝަކުވާއާއި ތުހުމަތުކުރެވުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.
މީގެއިތުރުން ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު އެމްޑީޕީން އެންމެ ފުރަތަމަ ކުރި މުޒާހަރާގައި ސަލާމަތީ ބާރުތަކުން އާދަޔާ ހިލާފަށް ބާރުގެ ބޭނުންކޮށްފައިވާކަން ފާހަގަކުރެވޭތީ އެ ޖަމިއްޔާއިން ސަލާމަތީ ބާރުތަކުގެ އެ އަމަލް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ބުނެފައިވެ އެވެ.
"މުޒާހަރާގެ ބައިވެރިންނަށް އެކިވަރުގެ އަނިޔާތައް ލިބުމަކީ މި ޖަމިއްޔާއިން ކަންބޮޑުވާކަމެއް. އަދި މުޒާހަރާގެ ބައިވެރިންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމީ މިޖަމިއްޔާއިން ހިތާމަކުރަން." ޓްރާންޕޭރަންސީގެ ނޫސްބަޔާނުގައިވެ އެވެ.
މީގެއިތުރުން އެމްޑީޕީން އެދުވަހު ބޭއްވި މުޖާހަރާއާ އަނިޔާވެރިކޮށް ރޫޅާލުމަށްފަހު އަތޮޅު ތެރޭގައި ހުރި ދައުލަތުގެ މުދަލަށާއި އިމާރާތްތަކަށާއި ތަކެއްޗަށް ގެއްލުންދީ އަލިފާން ރޯކޮށް ބައެއް އާއްމު ފަރުދުންގެ މުދަލަށާއި ނަފްސަށް އަނިޔާވާފަދަ ގޮތަކަށް ބަޔަކު ހިންގާފައިވާ އަމަލްތައް ވެސް ޓްރާންސްޕޭރަންސީން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
ޓްރާންސްޕޭރަންސީން ވަނީ ގައުމުގެ ސިޔާސީ ހާލަތާ ގުޅޭ ގޮތުން، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތް ބެލުމަށްޓަކައި ރާއްޖެ އައި ޔޫރަޕިއަން ޔޫނިއަންގެ މިޝަންގެ އިސްވެރިންނާއި ކޮމަންވެލްތްގެ ސެކްރެޓޭރިއެޓް ޓީމާއި އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ސައުތް އެންޑް ސެންޓަރަލް އޭޝިއަން އެފެއާޒް ރޮބާޓް ބްލޭކާއި ކޮމަންވެލްތް މިނިސްޓްރީރިއަލް އެކްޝަން ގްރޫޕާއި އދގެ މިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ޔޫއެސް އެއިޑާއި ވެސް ބައްދަލުކޮށްފަ އެވެ.