12 Aug 2021, 22:16
އަފްގާނިސްތާނުގެ ވެރިރަށް ކާބުލް 90 ދުވަހުގެ ތެރޭގައި ތާލިބާން ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފާނެ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކާ ހަވާލާދީ ރޮއިޓާސް އާއި ވޮޝިންގްޓަން ޕޯސްޓްއިން ރިޕޯޓުކޮށްފިއެވެ.
މިދިޔަ ޖޫން މަހު އެމެރިކާގެ އިންޓެލިޖެންސް އިން ލަފާ ކުރި ގޮތުގައި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ތާލިބާނުން ކާބުލް ހިފާނެއެވެ.
ނަމަވެސް ވޮޝިންޓަން ޕޯސްޓަށް މައުލޫމާތު ދިން އިންޓެލިޖެންސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިން އަފްގާނިސްތާނުން ދިޔުމާ ގުޅިގެން އެގައުމުގައި "ހުރިހާ ކަމެއް ވެސް މިހާރު ދަނީ ގޯހުން ގޯހަށެވެ." އަދި އިންޓެލިޖެންސްއިން ކުރިން ލަފާ ކޮށްފައި އޮތް މުއްދަތަށް ވުރެ އަވަހަށް ކާބުލް، ތާލިބާނުގެ ބާރުގެ ދަށަށް ގެންދާނެ ކަމަށް މިހާރު ބެލެވެއެވެ.
އެހެންނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެމެރިކާގެ ސިފައިން އަނބުރާ ގެންދިޔުމަށް ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އަފްޣާނިސްތާނުން އަމިއްލަ ގައުމަށްޓަކައި އަމިއްލައަށް ހަނގުރާމަ ކުރުމަށް ގޮވާލައްވާފައެވެ.
"އެމެރިކާއިން ވާނީ މިވީ 20 އަހަރު ތެރޭ ޓްރިލިއަނެއްހާ ޑޮލަރު އަފްޣާނިސްތާނަށް ހޭދަ ކޮށްފަ،" ބައިޑެން ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން ތާލިބާނުން ވަނީ އަފްޣާނިސްތާނުގެ ނުވަ ޕްރޮވިންސެއްގެ ވެރިރަށް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.