21 Feb 2012, 14:45
ރާއްޖޭގެ އެއްވެސް ރިސޯޓެއް ބޮއިކޮޓް ކުރަން ގޮވާލުމަކީ އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ ހީނަރުވެފައިވާ އިގްތިސާދަށް ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމާއެކު ރާއްޖޭގެ ބައެއް ރިޒޯޓްތަކަށް ނައުމަށް އިނގިރޭސިވިލާތުގެ ޓޫރިސްޓުންނަށް ޑޭވިޑް ހާޑިންހަމްގެ ފްރެންޑްސް އޮފް މޯލްޑިވްސް އިން ގޮވާލައިފާ ވާތީ އެކަން ކުށްވެރިކޮށް ޕީޕީއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރާއްޖޭގެ އެއްވެސް ރިސޯޓެއް ބޮއިކޮޓް ކުރަން ގޮވާލުމަކީ އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރާނެ ކަމެއް ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ދިވެހި ގައުމަށް ގެއްލުން ލިބޭފަދަ އަމަލުތައް ނުކުރުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.
ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވަނީ ފްރެންޑްސް އޮފް މޯލްޑިވްސްގެ ވެރިޔާ ޑޭވިޑް ހާޑިންހަމްއަކީ ރައީސް ނަޝީދާ ވަރަށް ގާތް ގުޅުމެއް އޮންނަ ފަރާތެއް ކަމަށެވެ.
ފްރެންޑްސް އޮފް މޯލްޑިވްސް އަކީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ރާއްޖޭގެ ބައެއް ރިޒޯޓްތައް ބޮއިކޮޓް ކުރުމަށް ގޮވާލި ޖަމާއަތެކެވެ. އަދި ޑޭވިޑް ހާޑިންހަމް އަކީ ރައީސް މައުމޫންގެ ދުވަސްވަރު ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ރާއްޖެ އިން ޑިޕޯޓްކޮށްފައިވާ މީހެކެވެ.
ނަމަވެސް ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން އޭނާގެ ޑިޕޯޓް ކެންސަލްކޮށް ރާއްޖެ އަށް އައުމުގެ ހުއްދަ ވަނީ ދީފަ އެވެ. އަދި އިނގިރޭސިވިލާތުގެ ސެލްސްބަރީގައި ހުންނަ ދިވެހި ކޮންސިއުލް ކަމުގައި އޭނާ ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް އޭނާއަށް ދިވެހި ދައުލަތުން މުސާރައެއް ނުދޭކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ އޭރުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވަނީ ވިދާޅުވެފަ އެވެ.