ވެރިކަންކުރާ އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ކުރިއަށް ގެންދިޔަ ޖަލްސާއަށް ހުށަހެޅި ހުށަހެޅުން ތަކަށް ކޯރަމް ހަމަނުވެގެން ވޯޓަށް ނޭހި ޖަލްސާ ނިންމާލައިފިއެވެ.

މިރޭގެ ޖަލްސާއަކީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކޮށްގެން ދިން ޓެރެރިސްޓް ހަމަލާއާ ގުޅިގެން އެމްޑީޕީގެ މެއި ހައެއްގެ ކޮމެޓީން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތަފުސީލު އެ ޕާޓީގެ ގައުމީ މަޖިލީހަށް ހިއްސާ ކުރުމަށް ކޮންމެ ހަފްތާއަކު އެއްފަހަރު ބާއްވަމުން ގެންދާ ޖަލްސާ ތަކުގެ ތެރެއިން ބޭއްވި ޖަލްސާއެކެވެ.

މެއި ހެއްގެ ހަމަލާއާ ގުޅިގެން ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާތައް އެމްޑީޕީ ހަރުގޭގައި ކޮންމެ ބުދަ ދުވަހެއްގެ ރޭ ފިޒިކަލީ ގެންދިޔުމަށް އެދި އިނގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) ވަނީ މިރޭގެ ޖަލްސާއަށް ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ.

މިރޭގެ ޖަލްސާއަށް ހުށަހެޅި ހުށަހެޅުން ތަކަށް ވޯޓަށް އަހަން ތައްޔާރުވެފައި ވަނިކޮށް ޖަލްސާގެ ކޯރަމް ގެއްލުމުގެ ސަބަބުން ވޯޓަށް ނޭހި ޖަލްސާ ވަނީ ނިންމާލަން ޖެހިފައެވެ.

އެވަގުތު ބައްދަލު ވުމަށް ހާޒިރުވެ ތިއްބެވީ 34 މެމްބަރުންނެވެ.