11 Aug 2021, 21:26
މާލެ އަތޮޅުގެ ފިހާޅޮހި ރިޒޯޓް ކައިރިން ދަތުރު ކުރަމުން ދަނިކޮށް މިއަދު ބަންޑުން ޖަހާލި ދޯންޏެއްގައި ތިބި ފަޅުވެރިން ސަލާމަތްކޮށްފިއެވެ.
ދިވެއްސަކާއި ބަންގުލަދޭޝްގެ ދެ މީހަކު ތިބި އެ ދޯނި ބަންޑުން ޖަހާލީ މިއަދު 10:30 ހާއިރު، ފިހާޅޮހި ރިޒޯޓާ ގާތްގަނޑަކަށް 6.5 ނޯޓިކަލް މޭލު ބޭރުންނެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި ފިހާޅޮހި ކައިރިން ބަންޑުން ޖަހާލި "ރާޔާ" ކިޔާ ދޯންޏަކީ ތިލަފުށިން ދަނގަޑާއި ހިލަވެލި ބަރުކޮށްގެން މިއަދު ފަތިހު ދަތުރު ފެށި ދޯންޏެކެވެ.
އެ ހާދިސާއާ ބެހޭ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ މެންދުރު 14:48ގައެވެ. އެއާ އެކު ކޯސްޓު ގާޑުން ހަރަކާތްތެރިވެ، ހާދިސާ ހިނގި ސަރަހައްދަށް ދިޔަ "ދިރުން" ކިޔާ ދޯންޏެއްގެ އެހީގައި، ބަންޑުން ޖަހާލި ދޯނީގައި ތިބި މީހުން ވަނީ ސަލާމަތްކޮށްފައެވެ.
އޭގެ ފަހުން ރާޔާ ދޯނި ވަނީ ކޯސްޓް ގާޑުގެ ހާބާ ކްރާފްޓުގައި ހުޅުމާލެއަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.