މާލޭ ވޯޓާ އެންޑް ސިވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ބޭނުމަށް މިވަގުތު ބަންދުކޮށްފައި އޮތް މަގެއް، ސިޓީ ކައުންސިލްގެ އެންގުމާ އެއްގޮތަށް ހުޅުވާލާނަމަ އެ ކުންފުނިން ފޯރުކޮށްދޭ ފެނުގެ ހިދުމަތަށް ބުރޫ އަރާނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވިގޮތުގައި, މިދިޔަ އާދިއްތަ ދުވަހު ކައުންސިލުން ފޮނުވި ސިޓީއެއްގައި، އަލުން ހުޅުވާލަން އަންގާފައި ވަނީ މިހާރުގެ މޭޔަރު މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުގެ ގޮތުގައި ހުންނެވި އިރު ބަންދު ކުރަން ހުއްދަ ދެއްވި މަގެކެވެ.

އެއީ އެމްޑަބްލިއުއެސްސީގެ ކޮއްޓާއި އާ ސަހަރާ ކޮއްޓާ ދޭތެރޭ އޮންނަ ނިކަގަސް ހިނގުމާއި ފަޅުމަތީ މަގެވެ. ސިޓީ ކައުންސިލުން ވަނީ އެ މަގު ހުސް ކުރުމަށް ފަހު، އެއް މަސް ދުވަހުގެ ތެރޭ ހުޅުވާލަން އަންގާފައެވެ. ނަމަވެސް އެ މަގު މިހާރު ބޭނުން ކުރަމުންދާ ގޮތުގެ ސަބަބުން އެއީ ކުއްލިއަކަށް އެކަހަލަ ބަދަލެއް ގެނެވޭނެ ތަނެއް ނޫން ކަމަށް ޝާހު ވިދާޅުވިއެވެ.

އެގޮތުން އެއީ 2015 ވަނަ އަހަރު އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެމްއެންޑީއެފްގެ ލަފަޔާ އެކު އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން ތަރައްގީކޮށްފައިވާ ތަނެއް ކަމަށް ޝާހު ވިދާޅުވިއެވެ. އަދި އެ ތަނުގައި އެމްޑަބްލިއުއެސްސީގެ އަލިފާން ނިއްވާ ސާމާނާއި ފެން އުފައްދަން ބޭނުން ކުރާ ތެޔޮ ރިޒާވްވެސް ހުންނާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

އެހެންކަމުން އެ ސަރަހައްދު ހުސް ކުރަން ޖެހިއްޖެ ނަމަ ފެން އުފެއްދުމަށާއި މާލޭގެ ފެނުމުގެ ހިދުމަތަށް ދަތިވާނެކަން ޝާހު ފާހަގަ ކުރެއްވިއެވެ.

"އޭރުން އަޅުގަނޑުމެންގެ އޮޕަރޭޝަނަށް ބުރޫ އަރާނެ. އަޅުގަނޑުމެންގެ ޖެނެރޭޓަރުތައް ހިންގުމަށް ބުރޫ އަރާނެ. ޖެނެރޭޓަރު ހިންގުމަށް ބުރޫ އަރަންޏާ ފެން އުފެއްދުމަށް ބުރޫ އަރާނެ،" ޝާހު ވިދާޅުވިއެވެ. މީގެ އިތުރުން، ފެން އުފެއްދުމަށް ބުރޫ އަރާ ނަމަ މާލޭގެ ފެނުގެ ޕްރެޝަރު ވެއްޓި، އެމްޑަބްލިއުއެސްސީގެ ކަސްޓަމަރުންނަށް އޭގެ ދަތިތައް ފޯރާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން އެމްޑަބްލިއުއެސްސީން މިހާރު ވަނީ ބަންދުކޮށްފައިވާ ސަރަހައްދުގެ މުހިއްމު ކަމާއި އެތަން އެ ކުންފުންޏަށް ގެއްލިއްޖެ ނަމަ ލިބޭނެ ގެއްލުން ބަޔާންކޮށް ސިޓީ ކައުންސިލަށް ލިޔުމެއް ފޮނުވާފައެވެ. އަދި އެ ސަރަަހައްދު ބަލާލުމަށް ސިޓީ ކައުންސިލަށް ދައުވަތު ވެސް ވަނީ ދީފައެވެ.