ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ ތަހްގީގު ކުރިއަށް ދިޔައިރު ހުރި ކަންބޮޑުވުން ތަކެއްގެ ވާހަކަ ފާހަގަ ކުރައްވައި، ފޮނުވި ޝަކުވާގެ ސިޓީ ލިބިފައިވާ ކަމަށާއި، ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެކަން ހިނގައިދިޔަ ގޮތް ބަލަމުން އެބަ ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މަހްލޫފް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ހެކި ހޯދުމުގައި މައްސަލަތަކެއް ހުރި ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ބޭރު މީހެއްގެ ބަޔާން ނެގުމާ ބެހޭ ގޮތުން ރާއްޖޭގެ ގާނޫނުތަކުގައި ބުނެފައިވާ ގޮތާ ހިލާފަށް ލަންކާގެ ރައްޔިތެއްގެ ބަޔާން ނަގާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މަހްލޫފްގެ ސިޓީގައި އެންމެ ބޮޑަށް ފާހަގަ ކުރައްވާފައި އޮތީ އިޖުރާއަތުތަކާ ހިލާފަށް ސްރީލަންކާގައި ހުރި މީހެއްގެ ބަޔާން ނެގި ކަމުގެ ޝަކުވާ ކަމަށެވެ. އެކަމާ ގުޅޭގޮތުން ލަންކާގައި ހުންނަ ދިވެހި އެމްބެސެޑަރަށް ތުހުމަތުތަކެއް ކޮށްފައިވެއެވެ.

ރައީސް ވިދާޅުވީ މައްސަލައިގައި ކަން ހިނގާދިޔަ ގޮތް ބެލުމަށްފަހު އެމަނިކުފާނަށް ފެނިވަޑައިގަންވާ އެއްޗެއް އެސެޓް ރިކަވަރީ ކޮމިޝަނަށް ހުށަހެޅުމަށްފަހު، މައްސަލައެއް އުޅޭ ނަމަ އެކަން ހާމަ ކުރައްވާނެ ކަމަށެވެ.

"މި މައްސަލައާ ބެހޭގޮތުން މަހްލޫފު އަޅުގަނޑަށް އެބައޮތް ސިޓީއެއް ފޮނުވާފަ. އެ ސިޓީގައި ތަހުގީގު ކުރިއަށް ދިޔައިރުގައި ހުރި ކަންބޮޑުވުން ތަކެއް ފާހަގަ ކުރައްވާފަ އެބަހުރި. އެހެންވީމަ އަޅުގަނޑަށް އެ ޝަކުވާ ލިބުމާއެކު ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެކަން ހިނގާފަ އޮތް ގޮތް އަޅުގަނޑު ބަލަމުން އެބަ ގެންދަން. އެކަން ބެލުމަށްފަހުގަ އަޅުގަނޑަށް ފެންނަ އެއްޗެއް އެސެޓް ރިކަވަރީ ކޮމިޝަނަށްވެސް ހިއްސާ ކުރާނަން. ހިއްސާ ކުރުމަށްފަހު މައްސައެއް އުޅޭނަމަ އެކަން ހާމަ ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވީހާވެސް އަވަހަކަށް ވަކި ގޮތެއް ނިންމުމަށްފަހު މައްސަލަ ކްލޯޒް ކުރުން ނޫނީ ކޯޓަށް ފޮނުވުން ކަމަށެވެ.

ރައީސް ވިދާޅުވީ ޕީޖީން ހުރިހާ ކަމަކަށް ބެލުމަށްފަހު، މައްސަލަ ނިންމާނީ އެންމެ އިންސާފުވެރި ގޮތަށް ކަމުގައި އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މި މައްސަލައާ ބެހޭގޮތުން މަހްލޫފް ވިދާޅުވެފައިވަނީ އޭނާގެ މައްސަލައިގައި ލަންކާގައި ހުންނަވާ ދިވެހި ސަފީރު އެގައުމުގެ ރައްޔިތަކަށް ގުޅުއްވައިގެން ބަޔާން ނެންގެވީ ކަމަށެވެ. އަދި އެ ބަޔާން ނެގުމަށް ޒޫމް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި ސަފީރު ހުންނެވި ކަމަށާއި ލަންކާގެ ރައްޔިތަށް ނުފޫޒު ފޯރުވާފައިވޭތޯ ބަލަން ޖެހޭ ކަމަށް މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީއަށް ފޮނުވީ، 2014 ވަނަ އަހަރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ) ބިލަށް ވޯޓު ދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި 33،000 ޑޮލަރުގެ ރިޝްވަތެއް ގަބޫލު ކުރެއްވި ކަމުގެ ތުހުމަތުގައެވެ.

ނަމަވެސް މަހުލޫފު ވަނީ އޭނާ އެ ބިލަށް ވޯޓު ދެއްވީ އޭރު އޭނާ ހުންނެވި ޕީޕީއެމްގެ ތްރީ ލައިން ވިޕާ އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ 33،000 ޑޮލަަރަކީ ފައިސާ ބަދަލު ކުރުމުގެ މުއާމަލާތެއްކަމަށް ބުނެ، އެސްއޯއެެފްގެ ނަމުގައި ތަައްޔާރުކޮށްފައިވާ "ޕޭމެންޓް ރިސީވްޑް" ސްލިޕެއް މަހުލޫފު އޭސީސީއަށް ހުށަހަޅާފައިވީ ނަމަވެސް، އެ ފައިސާއަކީ ޑޮލަރު ގަތުމުން ދިން ފައިސާކަން ތަހުގީގުން ބެލި ބެލުމުން އެނގެން ނެތް ކަމަށްވެސް އޭސީސީ އިން ބުންޏެވެ.

ނަމަވެސް އެ މައްސަލަ ކޯޓަށް ހުށަހަޅައިފި ނަމަ، މަހުލޫފާ ދެކޮޅަށް ދެއްކޭނެ އެއްވެސް ހެއްކެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.