ރާއްޖެއަށް އެންމެ ފަހުން ގެނައި އެސްޓްރަޒެނެކާ ވެކްސިނަކީ ސަރުކާރުން ގަތް ޝިޕްމަންޓެއް ކަަމަށާއި، ނަމަވެސް އޭގެ އަގު ހާމަ ނުކުރެވޭނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ފަހުން ރާއްޖެ ގެނައީ އެސްޓްރަޒެނެކާ ވެކްސިންގެ ކިތައް ޑޯޒް ތޯ އާއި، ޑޯޒް އަކަށް ހަރަދުކުރީ ކިހާވަރެއްތޯ "ސަން" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ އެންމެ ފަހުން ރާއްޖެ ގެނައި އެސްޓްރަޒެނެކާ ވެކްސިން ޝިޕްމަންޓަކީ ސިންގަޕޫރުގެ ކުންފުނިން ގަތް އެއްޗެއް ކަމަށާއި، ނަމަވެސް ޑޯޒް ގެ އަދަދު މިވަގުތު ދަންނަވަން ދަތި ކަމަށެވެ.

ވެކްސިން ކުންފުނިން އެކި ގައުމުތަކަށް ވެކްސިން ވިއްކަނީ އެކި އަގުގައި ކަމަށް ވާތީ، ރާއްޖެއިން ވެކްސިން ގަތް އަގު ހާމަ ނުކުރެވޭނެ ކަަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"ދެން އޮވޭކަންނޭނގެ އޭގަ އަޅުގަނޑު ހަނދާންވާ ގޮތުން ސިއްރު ހިފަހައްޓަންޖެހޭ މާއްދާއެއް. އެއީ ކުންފުނިތަކުން ވެކްސިން މި ވިއްކަނީ އެކި ގައުމުތަކަށް އެކި އަގުގަ. އެހެންވީމަ އަޅުގަނޑުމެންނާ އެކީގަ އެ ވެކްސިން އެގްރީމެންޓު ހެދި އިރުގަ، އެއަށް އެއްބަސްވެގެން އަޅުގަނޑުމެން ތިބީ. އެއީ ހުރިހާ ގައުމަކަށްވެސް ކުންފުނިތަކުން ވެކްސިން ފޮނުވާ ގޮތަކީ. އެހެންވީމަ އޭގެ ދަށުން އަޅުގަނޑުމެން އެ ސިއްރު ހިފަހައްޓާފަ މިއޮތީ," ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ މިހާރު ލިބުނު ޑޯޒް އެއީ ފުލް ޝިޕްމަންޓު ނޫން ކަމަށެވެ. އަދި ރާއްޖޭގެ ވެކްސިން ޖެހޭ މުޅި އާބާދީއަށް ވެކްސިން ޖެހޭ ވަރަށް އެސްޓްރަޒެނެކާ ވެކްސިން ލިބިފައިވާކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ޖަޕާނުން ރާއްޖެއަށް ހަދިޔާކުރާ އެސްޓްރާޒެނެކާ ވެކްސިންގެ ޝިޕްމަންޓް މި މަހުގެތެރޭ ލިބިގެންދާނެކަން ރައީސްގެ ވާހަަކަފުޅުގައި ފާހަގަކުރެއްވިއެވެ.