ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަނބުރާ ރާއްޖެ އަންނަން އެއްވެސް ހުރަހެއް ނާޅާނެކަމަށާއި އަދި ރައީސް ނަޝީދު އެނބުރި އައުމަށް އެދިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު އެނބުރި އައުމަށް ރައީސް ސޯލިހު ހުރަސްއަޅުއްވާކަމަށް ބުނެ ބައެއް ފަރާތްތަކުން ކުރާ ތުހުމަތަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ރައީސް ނަޝީދު ފަރުވާއިން ރަނގަޅުވެގެން ރާއްޖެ އަންނަން އެ މަނިކުފާނުވެސް ބޭނުންވާކަމަށާއި އަދި އެއްވެސް ހުރަހެއް އެކަމަށް ނާޅާނެ ކަމަށެވެ.

"ރައީސް ނަޝީދު އަނބުރާ އަންނަން އެއީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. އެކަމަކަށް އަޅުގަނޑު ހުރަހެއް ނާޅާނަން،" ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ނަޝީދު އަނބުރާ ވަޑައިގެން ވީހާވެސް އަވަހަކަށް ގައުމީ ހިދުމަތާއި ގުޅިވަޑައިގަތުމަކީ ރައީސް ސޯލިހް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާކަމެއްކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ ރައީސް ނަޝީދު ވީހާވެސް އަވަހަކަށް އަނބުރާ ވަޑައިގެން ގައުމަށް ހިދުމަތް ކުރުމާ ގުޅިވަޑައިގަތުން. ސަރުކާރުންނާއި އެމްއެންޑީއެފުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް، ހުރިހާ ރައްކާތެރިކަމެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރައީސް ނަޝީދު ރާއްޖެ އައިސް ހަމަޖެހިގެން މިނިވަންކަމާއެކު އުޅޭ ތަން ދެކެން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑު ބޭނުން ރައީސް ނަޝީދު އަނބުރާ އައިސް މިނިވަންކަމާއެކު ހަމަޖެހިގެން އުޅެވޭތަން ފެނުން. އެއީ އަޅުގަނޑު އެދޭ އެދުމެއް،" ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ނަޝީދު މިވަގުތު ހުންނެވީ އެމަނިކުފާނަށް އަމާޒުކޮށް މޭ 6 ވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ މޭ ހައެއް ހަމަލާއާ ގުޅިގެން ކުރިޔަށްގެންދާ އިންކުއަރީގެ ލަފާތަކާމެދު ސަރުކާރުން އަމަލު ކުރާނެ ގޮތެއް އެނގުނީމަ ނޫނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަކީ އޭނާ ރުހޭނެ އަދި އެދިވަޑައިގަންނަވާނެ ގޮތެއް ނޫންކަމަށް ވިދާޅުވެފައެވެ. އެގޮތަށް ވިދާޅުވީ ބޮން ގޮއްވާލުމުގެ ކުރިން ސަރުކާރަށް އެނގިފަ ހުރި ކަންކަމާމެދު އަމަލު ކުރައްވާފަ ހުރި ގޮތުން ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.