21 Feb 2012, 14:39
އިދިކޮޅު އެމްޑީޕީ އިން އަވަސް އިންތިހާބަކަށް ގޮވާލާ ގޮވާލުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔައީ ބަޣާވާތަކުން ނޫން ކަން ދޭހަވާ އަލިގަދަ ހެއްކެއް ކަމުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލީހުގެ މެންބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަން މީޑިއާ ގްރޫޕަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ގާނޫނީ ވަކީލު ނަޝީދު ވިދާޅުވީ މި މަހުގެ ހަތް ވަނަ ދުވަހު ވެރިކަން ބަދަލުވީ ބަޣަވާތަކުން ކަމަށް އެމްޑީޕީ އިން ބުނި ނަމަވެސް 2013 އިގެ ކުރިން އިންތިހާބަކަށް ދިއުމަށް އެއްވެސް ފުރުސަތެއް އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ހާއްސަކޮށް އެމްޑީޕީ އިން އިންތިހާބަކަށް ގޮވާލާ ގޮވާލުމަކީ ބަޣާވާތެއް ކޮށްފައި ނެތް ކަމަށް ދޭހަކޮށްދޭ ކަމެއް ކަމަށެވެ.
"ބަޣާވާތަކުން ވެރިކަން ވެއްޓުނު ނަމަ ރައީސް ނަޝީދު ބަހައްޓަވައި ދެއްވަން ޖެހޭނީ ހަތެއް ފެބުރުއަރީގެ ހާލަތުގައި. އެއްގޮތަކަށް ވެސް އިންތިހާބަކަށް ގޮވާލާކަށް ނުޖެހޭނެ. އެއީ ޣައިރު ގާނޫނީ ކަމެއްގެ މައްޗަށް ސައްހަ ކަމެއް ނުހިނގާނެތީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ބަޣާވާތަކުން ވެރިކަން ވެއްޓު ކަމަށް ބަޔަކު ބުނާ ނަމަ އިންތިހާބެއް ބާއްވަން ގޮވާލުމުގެ ކުރިން އެކަން ހިނގައި ދިޔަ ގޮތުގެ ފުރިހަމަ ތަހުގީގު ކުރިއަށް ގެންދަން ޖެހޭނެ ކަމަށާއި ތަހުގީގުނިމި ޝަރީއަތުން އެއީ ބަޣާވާތެއް ކަމަށް ކަނޑައަޅައިފި ނަމަ ރައީސް ނަޝީދު ހަތެއް ފެބުރުއަރީއާ ހަމައަށް ހުންނެވި ރައީސުލްޖުމުހުރިއްޔާގެ މަގާމު އެމަނިކުފާނަށް ލިބެން ޖެހޭނެ ކަމަށެވެ.
"ބަޣާވާތެއް ކޮށްގެން ވެރިކަން ވައްޓާލިކަން ސާބިތުވެއްޖެއްޔާ ރައީސް ނަޝީދު ހަތެއް ފެބުރުއަރީގައި ހުރި މަގަމާ ހަމައަށް އަންނާނެ [ރައީސުލްޖުމުހޫރިއްޔާގެ މަގާމަށް] ބަޣާވާތެއް ނެތްކަމަށް ވަންޏާމު އެމަނިކުފާނު [ކުރީގެ ރައީސް ނަޝީދު]ގެ އިސްތިއުފާއަކީ ސައްހަ އިސްތިއުފާއެއް ކަމަށް ބަލައި ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ބާކީ މިއޮތް ދޮޅު އަހަރު ދުވަހު ރައީސް ކަމުގެ މަގާމު ފުރިހަމަ ކުރެއްވުމުގެ ފުރުސަތު ދެއްވަން ވާނެ،" ނަޝީދު ވިދާޅުވި އެވެ.
މަޝްހޫރު ގާނޫނީ ވަކީލު ވިދާޅުވީ ހަތެއް ފެބުރުއަރީގެ މައްސަލަ ތަހުގީގުކުރުމަށް، ފުލުހުންނާއި ޕީޖީ އާއި ހިއުމަންރައިޓުސް ކޮމިޝަނުގެ ބަދަލުގައި، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މަންދޫބުންނާއި މަދަނީ ޖަމިއްޔާތަކުގެ މަންދޫބުންނާއި ބޭރުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ އެހީއާ އެކު ގަބޫލުކުރެވޭ އިންސާފުވެރި މާހައުލެއްގައި ތަހުގީގުކުރެވޭ ފެންވަރުގެ ބޭފުޅުން ހޯދިދާނެ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ތަހުގީގެއް ކުރަން ޖެހޭނީ ގާނޫނީ ގޮތުން ބާރު ލިބިދޭ މާހައުލެއެއްގައި ކަމަށާއި އިތުބާރު އާލާކޮށް ދެމެހެއްޓޭ ފަދަ ގޮތަކަށް ރައީސްގެ ގަރާރަކުން ގާނޫނީ ބާރުލިބިގެން ކަމަށެވެ.
"އެކަމުގައި ސިޔާސީ ފަރާތްތަކުގެ މަންދޫބުންގެ ބައިވެރިވުން އޮވެގެން ޕްރޮފެޝަނަލް ގޮތަކަށް ތަހުގީގު ކުރުން މުހިންމު. ފުލުހުންނަކަށް އެ ތަހުގީގެއް ނުކުރެވޭނެ. ޕީޖީއަކަށް އެ ތަހުގީގެއް ނުކުރެވޭނެ. ހިއުމަންރައިޓުސް ކޮމިޝަނަކަށް އެތަހުގީގެއް ނުކުރެވޭނެ. ޕޮލިސް އިންޓަގުރިޓީ އަކަށް ތަހުގީގެއް ނުކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް އެފަދަ ތަހުގީގުތައް ކުރުމުގައި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަން ފޯރޮކޮށް ދެވިދާނެ ކަމަށް ނަޝިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މިހާރުގެ ސަރުކާރަކީ އެއްގޮތަކަށް ވެސް ބަޣާވާތަކުން އައި ސަރުކާރެއް ކަމަށް ގަބޫލު ނުކުރަށްވާ ކަމަށާއި ކުރީގެ ރައީސް ނަޝީދު ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ފުލުހުންނާއި ސިފައިންގެ އިތުބާރު އޭރުގެ ރައީސްގެ މައްޗަށް ނެތްކަން އެނގުނު ހިސާބުން ކަމަށެވެ.
"އަޅުގަނޑުގެ އަމިއްލަ ހިޔާލަކީ އަޅުގަނޑު ގަބޫލެއް ނުކުރަން ]އެއީ[ ބަޣާވާތެއް ކަމަކަށް. އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ ޣައިރު ޣާނޫނީ ގޮތުން ހިނގައި ދިޔަ ކަމެއް ކަމަކަށް. އަޅުގަނޑު ހަމަ ދެކެނީ ފުލުހުންނާއި ސިފައިންގެ ތާއިދު އެމަނިކުފާނަށް [ނަޝީދަށް] ނެތްކަން އެނގުނު ހިސާބުން އެވަގުތު އިސްތިއުފާ ދެއްވީ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.