11 Aug 2021, 16:46
މޯލްޑިވިއަން ހިންގުމަށް ބޭރުގެ ކުންފުންޏަކާއެކު ޖޮއިންޓް ވެންޗާއެއް ހެދުމަށް މަޝްވަރާ ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މޯލްޑިވިއަން ބަނގުރޫޓު ވިޔަނުދޭނެކަމަށެވެ. އަދި ކުންފުނި ހިންގުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެކަމަށެވެ.
"ގައުމީ އެއާލައިން ރަނގަޅުކުރުމަށްޓަކައި ބޭރުގެ ފަރާތްތަކާއިވެސް އަޅުގަނޑުމެން ވާހަކަދައްކަމުން އެބަ ގެންދަން، ޖޮއިންޓް ވެންޗާ ހަދަން. ކޮންމެ އަކަސް ރާއްޖޭގައި ގައުމީ އެއާލައިނެއް އޮންނަން ޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން،" ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު މޯލްޑިވިއަންގެ ސަބަބުން ނުސީދާގޮތުން ލިބޭ އެތައް ފައިދާތަކެއް ހުރިކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ސަބްސިޑައިޒްކޮށްގެން ވެސް މޯލްޑިވިއަންގެ ދަތުރުފަތުރުގެ ހިދުމަތް ކުރިޔަށް ގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ މޯލްޑިވިއަންއަކީ މީގެ ކުރިންވެސް ގެއްލުމުގައި ހިންގަމުން އައި ކުންފުންޏެއްކަމަށެވެ. އަދި މި ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭވެސް އަދި ކޮވިޑްގެ ހާލަތާއެކުވެސް ކުންފުނީގެ މާލީ ހާލަތަށް އެއްވެސް ހެޔޮ އަސަރެއް ކޮށްފައިނުވާކަމަށެވެ.
ފަހަކަށް އައިސް މޯލްޑިވިއަންގެ މާލީ ހާލަތު ދައްވެ ކުންފުންޏަށް އެތައް ނޭދެވޭ އަސަރެއް ކުރަމުން އަންނަ ކަމުގެ ކަންބޮޑުވުން އެތައް ބަޔަކު ވަނީ ފާޅުކޮށްފައެވެ.