12 Aug 2021, 07:14
ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން މަގާމުން ދުރުކުރަން އުޅޭ ކަމުގެ ވާހަކަތައް މީޑިއާގައި ތިލަވާން ފަށާފައިވަނިކޮށް އެފްއޭއެމްގެ ފަރާތުން މާޓިން ކޫޕްމަން އާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒު ވިދާޅުވެއްޖެއެވެ.
ޖަވާޒު "ސަން" އަށް ވިދާޅުވީ ކޮންމެ މުބާރާތަކަށްފަހުވެސް އެފްއޭއެމްއިން ކޯޗުންނާއެކު ނަތީޖާތަކާ މެދު ވާހަކަ ދައްކާ ކަމަށާއި އެގޮތުން ޖޫން މަހު ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގެ ނަތީޖާގެ އެސެސްމެންޓެއް މިހާރު ހަދަމުން އަންނަ ކަމަށެވެ.
ކޮލިފައިން ބައެއް މެޗުތަކުގައި ކޯޗުގެ ނިންމުން ތަކާ މެދު ދިވެހި ފުޓުބޯޅައިގެ މާހިރުންނާއި ފުރަތަމަ ޑިވިޝަންގެ ބައެއް ކޯޗުން އަދި ކުޅުންތެރިންވެސް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
ޔޫއޭއީގައި ކުޅުނު އޭޝިއަން ޒޯނުގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ފުރަތަމަ ދެ މެޗުގައި ރާއްޖޭގެ ފަރާތުން ފެނިގެންދިއައީ ވަރަށް އާދައިގެ ކުޅުމެކެވެ.
ފުރަތަމަ މެޗުގައި ސީރިއާ އަތުން 4-0 ރާއްޖެ ބަލިވިއިރު ދެވަނަ މެޗުގައި ޗައިނާ އަތުން ރާއްޖެ ބަލިވީ 5-0 ނެވެ. ކޮލިފައިން ފަހު މެޗުގައި ރާއްޖެ ކުޅުނީ ފިލިޕީންސް އާ ދެކޮޅަށެވެ.
ފިލިޕީންސް މެޗުގައި ރަނގަޅު ގިނަ ކަންތައްތަކެއް ގައުމީ ޓީމުގެ ފަރާތުން ފެނިގެންދިޔައެވެ. ފިލިޕީންސްއާ ދެކޮޅަށް 2019 ވަނަ އަހަރު ޕީޓާ ސެގާޓްގެ އިރުޝާދުގެ ދަށުން މާލޭގައި ކުޅުނު ކޮލިފައިން މެޗުން ރާއްޖެ ވަނީ 2-1 ބަލިވެފައެވެ.
ކޫޕްމަން އާއެކު އޭނާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ގެނައި ރެނޭ ހިޑިންކް ވަނީ ފަހުން 23 އަހަރުން ދަށުން ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ގެނެސްފައެވެ. ނަމަވެސް ދާދި ފަހުން އެފްއޭއެމްއިން ވަނީ އޭނާ އެ މަގާމުން ދުރުކޮށްފައެވެ.
ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހުށައެޅި ބިޑު ކާމިޔާބުވުމާއެކު ގައުމީ ޓީމުގެ ވާހަކަ ވަރަށް ބޮޑަށް މިވަނީ ދެކެވެން ފަށާފައެވެ.
އަމިއްލަ ގައުމުގައި މުބާރާތް ބާއްވާ އިރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށް ގައުމީ ޓީމަށް ބޮޑު ޕްރެޝަރެއް އެބައޮތެވެ. މުބާރާތް އަމިއްލަ ގައުމުގައި އޮތުމުގެ އިތުރުން ރާއްޖެ އަކީ ޑިފެންޑިން ޗެމްޕިއަނުންނެވެ. ބަންގްލަދޭޝްގެ ޑާކާގައި 2018 ވަނަ އަހަރު އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބުކުރީ ފައިނަލް މެޗުގައި އިންޑިއާގެ ޒުވާން ޓީމު ބަލިކުރުމަށްފަހުއެވެ.