މިއަހަރު ބާއްވަން ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ މުބާރާތް ރާއްޖޭގައި ބާއްވަން ކުރި ބިޑް ކާމިޔާބު ކުރުމާ އެކު އެ މުބާރާތުގެ ބައެއް މެޗުތައް ކުޅުމަށް ހުޅުމާލޭގައި ކުރީގެ ސަރުކާރުން ގާއިމު ކުރި ސިންތެޓިކް ޓްރެކް ތަރައްގީ ކުރަން ނިންމައިފިއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އެންމެ ފުރަތަމަ މިދިޔަ އަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމި މުބާރާތެެކެވެ. އެކަމަކު، ކޮވިޑް-19ގެ ހާލަތު މިދިޔަ އަހަރު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމުން މި އަހަރަށް ފަސްކުރީއެވެ.

ބަންގްލަދޭޝްގައި ސާފް ބޭއްވޭނެ ގޮތެއްނުވުމުން މި މަހުގެ 23 ވަނަ ދުވަހު މުބާރާތް ހޯސްޓްކުރަން ޝައުގުވެރިކަން ހުރި ގައުމުތަކުން ބިޑްކުރަން ހުޅުވާލިއެވެ. އެ ދުވަހު މުބާރާތް ހޯސްޓްކުރަން ޝައުގުވެރިކަން ފާޅުކުރީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ނޭޕާލުންނެވެ.

ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ބިޑް ހުށަހެޅިއިރު އެފްއޭއެމުން ގަލޮޅު ދަނޑުގެ އިތުރުން ހުޅުމާލޭ ޓްރެކްގައި އޮތް ދަނޑު ވެސް ވަނީ ހިމަނައިފައެވެ.

އެގޮތުން ޕީއެސްއެމްއިން ރޭ ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކެއްޓަރީ ހުސައިން ޖަވާޒް (ޖަވާ) ވަނީ އެފަދަ މުބާރާތަކަށް ބިޑް ކުރާއިރު އެެއް ދަނޑެއް ވުރެން އިތުރު ދަނޑެއް އޮތުމުގެ މުހިއްމުކަމަށް އަލިއަޅުވާލައި، އެފްއޭއެމުން ކުރި ބިޑުގައި ވެސް އެގޮތަށް އެކަން ކޮށްފައިވާކަމަށް ވިދާޅުވެފަ އެވެ.

"ޕްރޮޮޕޯސްކޮށްފައި ގަލޮޅު ދަނޑަކީ އެއް ވެނިއު. އޭގެ އިތުރުން ހުޅުމާލޭގައި ޓްރެކް ހަދާފައި އިން ދަނޑު އެ އަށް ވަރަށް ބައިވަރު މަސައްކަތްތަކެއް އެބަކުރަން. އެ ދަނޑު ވެސް ކުޅެވޭ ހާލަތުގައި ބާއްވަން،" ޖަވާ ވިދާޅުވިއެވެ.

ޖަވާ ވިދާޅުވީ ހުޅުމާލޭގައި އޮތް ދަނޑުގެ އިތުރުން ގަލޮޅު ދަނޑުގައި ވެސް ސްޓްރަކްޗަރަލް ބައެއް މަަސައްކަތްތައް މުބާރާތުގެ ކުރިން ނިންމަން ޖެހޭ ކަމަށެވެ. އަދި އެހެންމެ މުބާރާތުގެ މެޗުތަކަށް ސަޕޯޓަރުން ވެއްދުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރާ ކަމަށް ވިދާޅުވިއެވެ.

"މި ވަގުތު އޭއެފްސީ ކަޕް [މާލޭގައި މި މަހު ކުޅޭ ދެކުނު އޭޝިއާގެ މެޗުތަކަށް] ގައެއް ނެތް ހުއްދައެއް ސަޕޯޓަރުން ވައްދާކަށް. އެހެން ނަމަވެސް އުއްމީދަކީ [ސާފް ޗެމްޕިއަންޝިޕަށް] ސަޕޯޓަރުންނަށް ދަނޑަށް ވަދެވުން،" ޖަވާ ވިދާޅުވި އެވެ.

އެފްއޭއެމުން މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭ ވަނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް މެޗުތައް ބާއްވަން ބިޑަށް ހުޅުވާލި ތިން ފަހަރު ވެސް ބިޑް ކާމިޔާބުކޮށްފައެވެ.

ރާއްޖޭން އެންމެ ފުރަަތަމަ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރީ 2008 ވަނަ އަހަރު ސްރީލަންކާއާ ގުޅިގެންނެވެ. މި ފަހަރު ވެސް ސާފް ބާއްވަން އެންމެ ފުރަތަމަ ރާއްޖޭން ބިޑް ކުރަން މަޝްވަރާކުރީ ލަންކާއާ ގުޅިގެންނެވެ. އެކަމަކު، ފަހުން ނިންމީ ރާއްޖޭން އެކަނި ސާފް ބޭއްވުމަށެވެ.