އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ކުދިންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް އަންނަ ހަފްތާތެރޭ ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ރާއްޖޭގެ 12 އަހަރުން މަތީގެ އަބާދީގެ ހުރިހާ އެންމެނަށް ވެކްސިން ޖެހޭ ވަރަށް ވެކްސިން ލިބިފައިވާކަމަށެވެ.

"ރާއްޖޭގައި ވެކްސިން ޖެހޭ އެންމެނަށް ވެކްސިން ޖެހޭ ވަރަށް ވެކްސިން ލިބިފައިވަނީ އިރާދަކުރެއްވިއްޔާ. އަޅުގަނޑުގެ އިލްތިމާސަކީ ވެކްސިން ޖެހޭ ބޭފުޅުން ވީހާވެސް އަވަހަށް ވެކްސިން ޖެހުން." ރައީސް ވިދާޅުވިއެވެ.

އަދި އާންމު ހާލަތަކަށް ރުޖޫއަ ވެވޭނީ 12 އަހަރުން މަތީގެ ހުރިހާ އެންމެން ވެކްސިން ޖަހާ ނިމުމުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ރާއްޖޭގެ 80 ޕަސެންޓު މީހުންވެސް މިހާރު ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު 69 ޕަސެންޓު މީހުން ދެ ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.