ފިނޭންސް މިނިސްޓްރީ ކައިރިން ގުރޫޕަކުން ހަމަލާދީ ޒަޚަމްކޮށްލުމާ ގުޅިގެން ޒުވާނަކު މަރުވި މައްސަލައިގެ ތަހުގީގަށް ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

މިދިއަ ހޮނިހިރު ދުވަހުގެރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމާ ގުޅިގެން ފަރުވާ ދެމުން ދަނިކޮށް މަރުވި ގ. ވޭރު، އަބްދުލް މުހީތު، 21، ގެ މަރުގެ މައްސަލަ އާއި ގުޅިގެން ރޭ ހައްޔަރު ކުރި ދެ މީހުންގެ ތެރޭ 18 އަހަރުން ދަށުގެ ކުއްޖަކު ހިމެނޭ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް އެމީހުންނާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.

ހޮނިހިރު ދުވަހުގެ ރޭގެ މާރާމާރީތަކާ ގުޅިގެން މީހަކު ހައްޔަރު ކުރި މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް ފުލުހުން ވަނީ އެރޭ މާރާމާރީ ހިންގަން ބޭނުން ކުރާ އެއްޗެހި ގެންގުޅުނު ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ފަހުން ވަނީ އޭގެ ތެރެއިން ދެ މީހަކު ކޯޓު އަމުރުގެ ދަށުން ދޫކޮށްލާފަ އެވެ.

ހޮނިހިރު ދުވަހުގެރޭގެ މާރާމާރީގައި ޒުވާނަކު މަރުވި އިރު އެރޭ ވަނީ މާލޭ ހިޔާ ސަރަހައްދުން ސައިކަލެއްގެ ދިޔަ ބަޔަކު ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ އިތުރުން މާލޭ ދަނާލު ކައިރިން 43 އަހަރުގެ ފިރިހެނަކަށް ހަމަލާދީ ޒަހަމުކޮށްލާފަ އެވެ.އަދި އުމުރުން 17 އަހަރުގެ ކުއްޖަކަށް ވެސް ބަޔަކު ހަމަލާދިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.