11 Aug 2021, 13:22
ގއ. ދާންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެ ރަށު ކައުންސިލް ރައީސް މުހައްމަދު އާސިފްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފިއެވެ.
މި މައްސަލައާއި ގުޅިގެން ކައުންސިލް ރައީސް މުހައްމަދު އާސިފްގެ ފޯނު ހިފަހައްޓާފައިވާކަން އެ ރަށު ކައުންސިލުން "ސަން" އަށް ވަނީ ޔަގީންކޮށްދީފައެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި އޮޕަރޭޝަނުގައި އިތުރު ތިން މީހެއްގެ ފޯނުވެސް ކޯޓު އަމުރާއެކު ރޭގެ ވަގުތެއްގައި ހިފަހައްޓާފައިވާކަމަށެވެ. އަދި މި ހަތަރު މީހުންގެ ފޯނު ހިފަހައްޓާފައިވަނީ މި އޮޕަރޭޝަނުގެ މައުލޫމާތު ލީކުކޮށްލިކަމުގެ ތުހުމަތުގައިކަމަށެވެ. ރޭ ދާންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި މަސްތުވާތަކެތި ފެނިފައިނުވާއިރު މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައެއްް ނުވެއެވެ.
ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.