ކޮވިޑް-19 ކޮންޓްރޯލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ވެކްސިން ފުރިހަމަ ނުކޮށްގެން ބައެއް ސުކޫލުތަކުގެ ޓީޗަރުން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފިއެވެ.

ހުރިހާ ޓީޗަރުންވެސް ވެކްސިން ފުރިހަމަ ކުރުމަށާއި ސްކޫލަށް ނުކުންނައިރު ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ޓީޗަރުންނާއި މުވައްޒަފުން ކްލާސްރޫމަށް ވަނުމުގެ ފުރުސަތު ނުދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މީގެ ކުރިންވެސް ބުނެފައެވެ. އަދި ވެކްސިން ފުރިހަމަނުކުރާ ފަރާތްތައް ސްކޫލުތަކަށް ވަނުމަށްވެސް މިނިސްޓްރީއިން ވަނީ މަނާކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ އަހުމަދު އަލީ މިއަދު "ސަން" އަށް ވިދާޅުވީ ވެކްސިން ފުރިހަމަ ނުކުރާ ފަސް ޓީޗަރަކު މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވަނީ އެ މުވައްޒަފުންނާމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅެންދެން ކަމަށެވެ. ނަމަވެސް ޓީޗަރުން އެކަހެރިކޮށްފައިވަނީ ކޮން ސުކޫލުތަކަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން އިއްޔެ ފަށާފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ތައުލީމީ ދާއިރާއަށް ހާއްސަކޮށްގެން ހާއްސަ ވެކްސިން ޕްރޮގްރާމެއް މިދިޔަ ހަފްތާގައި ފަށާފައެވެ. އަދި މި ހަފްތާތެރޭ 12 އަހަރާއި 17 އަހަރާއި ދެމެދުގެ ދަރިވަރުންނަށްވެސް ވެކްސިން ޖެހުމުގެ ކަންކަން ފެށިގެންދާނެކަމަށް އިއްޔެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ދަރިވަރުންގެ ބެލެނިވެރިންވެސް ވެކްސިން ޖެހިކަން ކަށަވަރުކުރުމަށް ގްރީން ކާޑެއް ދިނުމަށް ނިންމާފައިވާއިރު، މާލެ ސަރަހައްދުގެ ސްކޫލުތަކުގައި މަސައްކަތްކުރާ ޓީޗަރުންގެ ތެރެއިން މިހާރު 96 ޕަސެންޓު ވެކްސިން ފުރިހަމަކޮށްފައިވާ ކަަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.