11 Aug 2021, 21:28
އިންޑިއާގެ އަންދްރާ ޕްރަދޭޝްގެ ނަންޑަޔާލް ސިޓީގައި ފުލުހެއް ގާނޫނާ ހިލާފު އަމަލުތައް ކުރާކަން ބޭޒާރުކޮށްލި ނޫސްވެރިޔަކު މަރާލައިފި ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
މިދިޔަ އާދިއްތަ ދުވަހު އިންޑިއާގެ ޗެނަލް އީވީ5ގެ ރިޕޯޓަރު ޗެންނާކެޝަވުލޫ މަރާލި ކަމަށް ތުހުމަތުކޮށް، ހައްޔަރުކޮށްފައި ވަނީ ޕޮލިސް ކޮންސްޓެބަލް ވެންކަޓާ ސުއްބަޔާ އާއި އޭނާގެ ބޭބެ ނާނީއެވެ.
އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން ކެސަވުލޫއަށް ސުއްބަޔާ ހަމަލާ ދިނީ، ސުއްބަޔާ އާ ކްރިމިނަލް ގްރޫޕްތަކާ ގުޅުން އޮތް ކަމަށް ކެސަލުވޫ މީގެ މަހެއްހާ ދުވަސް ކުރިން އޭނާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ރިޕޯޓު ކުރި ފަހުންނެވެ. އަދި ކެސަވުލޫގެ ތުހުމަތަކާ ގުޅިގެން ސުއްބަޔާ މީގެ ދެހަފްތާ ކުރިން ސަސްޕެންޑުކޮށްފައި ވަނިކޮށެވެ.
ރިޕޯޓުތަކުގައިވާ ގޮތުން ސުއްބަޔާ އާއި ނާނީ ކެސަވުލޫއަށް ހަމަލާ ދިނީ އިސްކުރު އަނބުރާ ކަށިގަނޑަކުންނެވެ. އަދި ހަމަލާއަށް ފަހު ކެސަވުލޫ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭނާ މަރުވީއެވެ.
އެ ހާދިސާ ހިނގި ކުރުނޫލް ޑިސްޓްރިކްޓުގެ ޕޮލިސް މެނޭޖަރު ވަނީ ކެސަވުލޫގެ މަރާ ގުޅިގެން ސުއްބަޔާ އާއި އޭނާގެ ބޭބެ ހައްޔަރުކޮށް، ތަހުގީގު ކުރިއަށް ގެންދާ ކަމަށް ބުނެފައެވެ.
ކެސަވުލޫގެ މަރާ ގުޅިގެން ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް)އިން ވަނީ އެ މައްސަލައިގެ ޝަރީއަތް ވީހާވެސް އަވަހަށް ކުރިއަށްގެންދިޔުމަށް ގޮވާލާފައެވެ.