ރާއްޖޭގެ ރިސޯޓްތައް ބޮއިކޮޓް ކުރުމަށް ގޮވާލި ފަރާތްތަކުން އެކަން އަނބުރާ ގެންދިޔުމަށް ޓޫރިޒަމް އިންޑަސްޓްރީ ތަމްސީލްކުރާ ގައުމީ ޖަމްއިއްޔާ، މަޓީން މިއަދު ގޮވާލައިފި އެވެ.

އެ ޖަމްއިއްޔާ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ "ފްރެންޑްސް އޮފް މޯލްޑިވްސް" ކިޔާ ޖަމާއަތަކުން ރާއްޖޭގެ ބައެއް ރިސޯޓްތައް ބޮޔެކޮޓް ކުރުމަށް ގޮވާލި ގޮވާލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ދިވެހިންގެ ރަހުމަތްތެރިން ކަމުގައި ބުނާ ބަޔަކު އެފަދަ އަމަލެއް ނުކުރާނެ ކަމަށެވެ.

"ޓޫރިޒަމަށް ގެއްލުވާ އެއްވެސް ކަމެއް ކުރުމަކީ ރާއްޖޭގެ އިގްތިސޯދަށް ބޮޑު ގެއްލުމަކާ ކުރިމަތިވާނެ ކަމެކެވެ. ދިވެހިންގެ ރަހުމަތްތެރި ކަމަށް ބުނާ ބަޔަކު އެގޮތަށް އަމަލުކުރާ އިރު ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވާނޭ ގެއްލުން އިނގޭނެ އެވެ،" ކުރު އެ ބަޔާނުގައިބުނެ އެވެ. "ރިސޯޓްތައް ބޮޔެކޮޓް ކުރުމަށް ގޮވާލި ގޮވާލުން އަނބުރާ ގެދިޔުމަށް ގޮވާލަމެވެ."

ފްރެންޑްސް އޮފް މޯލްޑިވްސް އަކީ ކުރީގެ ރައީސް މުހަންމަދު ނަޝީދާ ގާތްގުޅުންތަކެއް އޮންނަ އިނގިރޭސި ރައްޔިތެއް ކަމަށްވާ ޑޭވިޑް ހާޑިންހަމް އިސްކޮށް އުޅުއްވާ ޖަމާއަތެކެވެ.

މަޓީން އެކަމާ ކަންބޮޑުވި އިރު މަޓާޓޯ އިން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ އެ ފަދަ ނެގެޓިވް ކެމްޕޭނާ ދެކޮޅަށް ރާއްޖޭގެ ކެމްޕޭން ވެސް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.