11 Aug 2021, 14:28
ބާސާގެ ކުރީގެ ކެޕްޓަން އަދި ހަ ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ލިއޮނެލް މެސީ ޕީއެސްޖީއަށް ސޮއިކޮށްފިއެވެ.
ދެ އަހަރު ދުވަހުގެ އެއްބަސަވުމެއްގެ ދަށުން މެސީ ޕީއެސްޖީއަށް ސޮއި ކުރިއިރު އިތުރު އެއްއަހަރު ދުވަހަށް ކޮންޓްރެކްޓް އިތުރު ކުރުމުގެ ފުރުސަތު އެބައޮތެވެ. ޕީއެސްޖީއަށް ބަދަލުވުމަށްފަހު މެސީ ބުނެފައިވަނީ މިއީ އޭނާގެ ކެރިއަރުގެ އާ ސަފުހާއެއް ކަމަށާއި އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ.
ފުޓުބޯޅައިގައި އޭނާ ހޯދަން ބޭނުންވާ ފަދަ ކާމިޔާބީއެއް ހޯދޭ ވަރުގެ ސްކޮޑެއް ޕީއެސްޖީގައި އޮތްކަން މެސީ ފާހަގަކުރިއެވެ. ޕީއެސްޖީއާއެކު ކުޅެން ކެތްމަދު ވެފައިވާ ކަމަށްވެސް މެސީ ބުންޏެވެ.
މެސީގެ މުސާރައިގެ އެއްވެސް ތަފްސީލެއް މީޑިއާއަށް ދީފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މެސީއަށް އަހަރަކު 35 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭނެއެވެ.
ޕީއެސްޖީގެ ޗެއާމަން ނާސިރު އަލް ހަލީފާ ބުނީ މެސީ ޕީއެސްޖީ އާއި ގުޅެން ނިންމުމަކީ އޭނާ އާއި ކުލަބަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ. ހަލީފާ ވަނީ މެސީ އަދި އޭނާގެ އާއިލާއަށް މަރުހަބާ ކިޔާފައެވެ.
ޕީއެސްޖީގައި މެސީ ކުޅޭނީ 30 ނަންބަރު ޖާޒީގައެވެ. ބާސާގައި 2004 ފެށިގެން 2006 އަހަރާ ހަމައަށް މެސީ ކުޅެފައިވަނީ 30 ނަންބަރު ޖާޒީގައެވެ.
މެސީއާއެކު ޕީއެސްޖީގެ އެންމެ ބޮޑު އަމާޒަކަށް ވެގެން ދާނީ މިދިޔަ އަހަރު އެ ޓީމަށް ގެއްލުނު ފްރާންސް ލީގު ކާމިޔާބު ކުރުމުގެ އިތުރު އެ ކުލަބުން އެންމެ ބޮޑަށް އަމާޒު ހިފާފައިވާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ.
ބޮޑެތި ހޭދަތަކެއް ކުރުމަށްފަހުވެސް ޕީއެސްޖީއަށް ވަނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.