11 Aug 2021, 13:51
ގއ. ކޫއްޑުއާއި ވިލިނގިއްޔާ ދެމެދު އަޅަން ސަރުކާރުން ވައުދުވެފައިވާ ބުރިޖުގެ މަސައްކަތް ނުފެށި ލަސްވާތީ، އެ ވައުދު ފުއްދައިދިނުމަށް ގޮވާލައި ސީދާ ހަރަކާތެއް ފަށަން އިއުލާންކޮށްފިއެވެ.
ވިލިނގިލި ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު "ސަން" އަށް ވިދާޅުވީ ބުރިޖު މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށް ބާރުއެޅުމުގެ ގޮތުން ސޯޝަލް މީޑިއާ ކެމްޕޭނެއް ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
"މިއީ ރައީސް ސޯލިހު ރިޔާސީ ވައުދުފުޅެއް ކަމަށް ވީމަ، އަޅުގަނޑުމެން ގަބޫލުކުރަނީ އެކަން ފުއްދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަންވާނެ ކަމަށް،" ވިޝާލް ވިދާޅުވިއެވެ.
ވިޝާލް ވިދާޅުވީ ބުރިޖު މަސައްކަތް ނުފެށި ލަސްވާ ސަބަބެއް ސަރުކާރުން ނުބުނާ ކަމަށެވެ.
"މަޝްރޫއު ނުފެށި ލަސްވާ ސަބަބެއް ނުބުނޭ. އަޅުގަނޑުމެން ރައީސް އޮފީހަށް ސިޓީވެސް ފޮނުވިން އެކަމަކު ޖަވާބެއް ނުލިބޭ،" ވިޝާލް ވިދާޅުވިއެވެ.
ވިޝާލް ވިދާޅުވީ ކޫއްޑުއާއި ވިލިނގިއްޔާ ދެމެދު ބުރިޖު އަޅައި ނިމުމުން ރަށު ރައްޔިތުންނަށް އެތައް ގޮތަކުން ފައިދާވުމުގެ އިތުރަށް، އެއީ ރަށަށް އިގްތިސާދީ ކުރިއެރުން ލިބޭނެކަމެއް ކަމަށެވެ.
"ކޫއްޑޫގައި މަސައްކަތްކުރާ ވިލިނގިލީގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށްވާނެ. ދަތުރުފަތުރުކުރުމުގެ އިތުރުން ކޫއްޑޫ އެއާޕޯޓަށް ގެންނަ މުދާ އުފުލުމުގައިވެސް ލުޔެއް ލިބޭނެ." ވިޝާލް ވިދާޅުވިއެވެ.
މި މަޝްރޫއުއާ ގުޅޭ ކަންކަމުގައި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ލިބޭ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.