ޔޫތްއެފްއޭކަޕް ފުޓް ބޯޅަ މުބާރާތުގެ ގްރޫޕް އޭ ފަޅިން ވާދަކުރާ ވިކްޓަރީއާ ދެކޮޅަށް މާޒިޔާ އިއްޔެ ކުޅުނު މެޗް 2-2 ލަނޑުން އެއް ވަރުވެގެން ނިމިއްޖެ އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑުޖަހާ މެޗުގެ ލީޑް ފުރަތަމަ ނެގީ ވިކްޓަރީން ނެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި ވިކްޓަރީއަށް ލީޑް ނަގައިދިން ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަނަސް މުހައްމަދެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެގައި މާޒިޔާ އިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 46 ވަނަ މިނެޓުގައި އެ ޓީމްގެ މުހައްމަދު ތަސްމީން ކާމިޔާބު ކުރި ލަނޑުން ނެވެ. އަދި ނަތީޖާ ހަމަހަމަ ވެފައި ވަނިކޮށް ދެ ވަނަ ފަހަރަށް ވިކްޓަރީއަށް ލީޑް ނަގައިދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހަސަން އިބުރާހިމް އެވެ. އަދި މާޒިޔާ އިން އެ ޓީމުގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފުގެ ކުރީކޮޅު ޖަހާ، ދެ ވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އެޓީމުގެ ގްރައިސް އަބްދުލް ރައްޒާގު ކާމިޔާބު ކޮށްދިން ލަނޑުން ނެވެ.

މިދިޔަ އަހަރު އަލަށް ފެށި 20 އަހަރުން ދަށުގެ ޔޫތްއެފްއޭކަޕް ފުޓްބޯޅަ މުބާރާތް އިއްޔެ ފަށާފައިވާ އިރު، މުބާރާތް މިފަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ 21 އަހަރުން ދަށުގެ އުމުރު ފުރައަށް ބަދަލުކޮށްގެން ނެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވަނީ ބައިވެރިވެފައި އެވެ.

މުބާރާތުގައި މިއަދު ހަވީރު ބައްދަލު ކުރާ ދެ ޓީމަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ކެލާނާޅި ސްޕޯޓްސް ކުލަބެވެ. މެޗް ފެށުމަށް ހަމަޖެހިފައި ވަނީ 4:10 ގައި ގަލޮޅު ދަނޑުގަ އެވެ.

މުބާރާތުގެ ގްރޫޕް އޭ ފަޅިން ވާދަ ކުރާސް ފަސް ޓީމަކީ ވިޔަންސާ، މަހިބަދޫ، ވީބީ، ވިކްޓަރީ އަދި މާޒިޔާ އެވެ. އަދި ގްރޫޕް ބީ ފަޅިން ވާދަކުރާ ފަސް ޓީމަކީ ނިއު ރޭޑިއަންޓް، ކެލާ، އީގަލްސް، އޭވައިއެލް އަދި ވެލެންސިޔާ އެވެ.

އެފްއޭއެމް އިން ބުނީ، ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްގެން ދިއުމަށް ނިންމާފައިވާ އިރު، ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ އާ ދެ ވަނަ ޓީމެވެ. އަދި ގްރޫޕް އޭ އާއި ގްރޫޕް ބީ ފަޅިން އެއް ވަނަ ހޯދާ ދެ ޓީމުގެ މެދުގައި ސެމީފައިނަލްގެ ފުރަތަމަ މެޗް ކުޅުމަށް ނިންމާފައިވާ އިރު، މެޗުން މޮޅުވާ ޓީމެއް ފުރަތަމަ ޓީމެއްގެ ގޮތުގައި ފައިނަލުން ޖާގަ ލިބޭނެ އެވެ. އަދި ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރުވާ ޓީމެއް އިނގޭނީ ތިން ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ.

މިދިޔަ އަހަރުގެ ޔޫތްއެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ވިޔަންސާ ފިޔަވައި ފުރަތަމަ ޑިވިޝަނުގެ ހުރިހާ ޓީމެއް ބައިވެރިވި އިރު، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މާޒިޔާ އެވެ.