ސްޕެއިނުގެ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން މިދިޔަ ޖޫން މަހުގެ ނިޔަލަށް ހަމަވުމާ ގުޅިގެން ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީގެ ސޮއި ޕީއެސްޖީން ހޯދައި، 30 ނަންބަރުގެ ޖާޒީއާއެކު އެކަން އިއުލާން ކޮށްފިއެވެ.

މެސީ، 34، މުޅިން ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީއަށް ސޮއިކުރުން ވެގެން ގޮސްފައިވަނީ މިފަހުގެ ތާރީހުގެ އެންމެ ގިނަބަޔަަކަށް ސިހުން ގެނުވި ޓްރާންސްފާއަށެވެ. މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ބާސާއާއެކު މެސީ ހަދާފައި އޮތް އެއްބަސްވުން ހަމަވި ނަމަވެސް، ބާސާއިން ވަނީ މެސީގެ އެއްބަސްވުން އާކުރަން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައެވެ.

އެހެންނަމަވެސް، ސްޕެނިޝް ލީގުން އެކަމަށް ހުރަސްއަޅައި، ބާސެލޯނާއިން ލީގުގެ ގަވާއިދު މުގުރާ ނުލެވޭނެ ކަމަށް ބުނުމުން އެންމެ ފަހުން އެކުލަބުން ޖެހުނީ ކުލަބުގެ ތާރީހުގައިވެސް އެންމެ މުހިއްމު ކުޅުންތެރިޔާ ހިލޭ ދޫކޮށްލާށެވެ.

މެސީ ޕީއެސްޖީއަށް ބަދަލުވިކަން ރަސްމީކޮށް އެ ޓީމުން ވަނީ މިރޭ މީޑިއާއަށް އާންމުކޮށްފަ އެވެ. އެކާވީސް އަހަރަށް ފަހު ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީ އަށް ބަދަލުވިއިރު، ބޯނަހެއްގެ ގޮތުގައި އޭނާ އަށް 25 މިލިއަން ޕައުންޑް (34 މިލިއަން ޑޮލަރު) ލިބޭނެއެވެ.

އެހެންކަމުން އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޕީއެސްޖީން ބޭނުންނަމަ މެސީ އިތުރު އެއް އަހަރަށް އެ ޓީމުގައި މަޑުކުރުވޭނެއެވެ.

ޕީއެސްޖީއާ އެކު ސޮއި ކުރުމަށްފަހު މެސީ އެކުލަބުގެ ޖާޒީގައި ފުރަތަމަ ފަހަރަށް ދައްކާލި އިރު، އޭނާއަށް އެކުލަބުން ދީފައިވަނީ 30 ނަންބަރު ޖާޒީއެވެ. މެސީ ބާސެލޯނާގެ ޔޫތް ޓީމުން ދެމިގަނެ 2004 ވަނަ އަހަރު އެންމެ ފުރަތަމަ ސީނިއާ ޓީމުން ޖާގަ ހޯދި އިރު އޭނާ ބޭނުން ކުރީ ވެސް 30 ނަންބަރު ޖާޒީއެވެ.

ބާސާ ދޫކޮށްލިއިރު މެސީއަކީ އެކުލަބަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިއާއެވެ. 778 މެޗުން 672 ގޯލު ޖަހައި މެސީ ވަނީ ބާސާގެ ސަޕޯޓަރުންގެ ހިތްތަކުގައި ހާއްސަ މަގާމެއް ހޯދާފައެވެ.

ބޯޅައިގެ ތަފާތު ހުނަރެއް ލިބިގެންވާ މެސީ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައެވެ. ބަސާގައި ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ 34 ތަށި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި 10 ލަލީގާ އާއި ހަތަރު ޗެމްޕިއަންސް ލީގު ހިމެނެއެވެ.