11 Aug 2021, 07:42
ނިއުޔޯކް (އޮގަސްޓް 11): އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ ނިއުޔޯކްގެ ގަވަރުނަރު އެންޑްރޫ ކޫމޯ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އުމުރުން 63 އަހަރުގެ ކޫމޯ މަގާމުން އިސްތިއުފާ ދެއްވީ 11 އަންހެނަކަށް އޭނާ ޖިންސީ ގޯނާކުރިކަމުގެ ހެކިހުރިކަން ތަހުގީގަކުން ސާބިތު ވުމާ ގުޅިގެންނެވެ. މީގެއިތުރުން މަގާމުން އިސްތިއުފާ ދިނުމަށް ކޫމޯއަށްވަނީ އެތައް ފަރާތަކުން ފިއްތުންތައް ކުރިމަތިވެފައެވެ. ކޫމޯ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލެއްވި ބޭފުޅުންގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންވެސް ހިމެނިވަޑައިގަންނަވައެވެ.
ކޫމޯއަކީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ޕާޓީކަމަށްވާ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ހިންގުންތެރި ބޭފުޅެއްކަމަށް މަޝްހޫރު ކޫމޯއަކީ މުސްތަގްބަލް އޮތް ސިޔާސީ ބޭފުޅެއްކަމަށް ބެލެވިފައިވާއިރު އެމެރިކާގެ ރިޔާސީ އިންތިހާބެއްގައިވެސް އޭނާ ވާދަކުރައްވަފާނެކަމަށް ކުރިން ބެލެވިފައިވެއެވެ.
ކޫމޯގެ މި ވެއްޓުމަކީ އޭނާ އަށާއި އޭނާއަށް ތާއީދުކުރާ ފަރާތްތަކަށް ލިބިގެންދިޔަ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްކަމަށް މުރާސިލުން ސިފަކުރެއެވެ. ކޫމޯ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުތައް ފެންމަތިވެގެން ދިޔައީ މީގެ ހައެއްކަ މަސް ކުރިންނެވެ. މިއާއެކު އޭނާގެ އިސްތިއުފާއަށް ގޮވާލާ އަޑުތައްވެސް އެމެރިކާގައި ގަދަވެގެން ދިޔައެވެ. ނަމަވެސް ކޫމޯ ގެންދެވީ އިސްތިއުފާ ނުދެއްވައި މަގާމުގައި ދެމިހުންނެވުމަށް މަސައްކަތް ކުރައްވަމުންނެވެ.
އެންމެފަހުން ކޫމޯ މަގާމުން އިސްތިއުފާ ދެއްވީ ނިއުޔޯކްގެ އެޓާނީ ޖެނެރަލް ކުރެއްވި ތަހުގީގަކުން ކޫމޯ، އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަން ހާމަވުމާ ގުޅިގެންނެވެ. ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ކޫމޯ ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވުމަށް ނިންމަވައިފި ކަމަށާ ނަމަވެސް އެކަން ތަންފީޒުވެގެންދާނީ ދެ ހަފްތާގެ މުއްދަތަކުން ކަމުގައެވެ. އިސްތިއުފާ ދޭން ނިންމެވީ އެއީ މިވަގުތު ރައްޔިތުންނަށް އެންމެ ރަނގަޅުގޮތްކަމަށް ގަބޫލު ކުރެވޭތީ ކަމަށްވެސް ކޫމޯ ވިދާޅުވިއެވެ.
ޖިންސީ ގޯނާގެ ތުހުމަތުތައް ތަހުގީގުން ހާމަވެފައިވީނަމަވެސް ކޫމޯ ވަނީ ގަވަރުނަރުކަމުގެ މަގާމުގައި ހުންނަވައިގެން ގޯސް ނިޔަތެއްގައި އެއްވެސް ކަމެއް ކުރައްވާފައި ނުވާނެކަމަށް ވިދާޅުވެ އަމިއްލަ ނަފްސު ދިފާއު ކުރައްވާފައެވެ. ދެ ހަފްތާތެރޭގައި ކޫމޯގެ އިސްތިއުފާގެ ކަންތައް ނިމުމުން ނިއުޔޯކްގެ ގަވަރުނަރުކަމުގެ މަގާމުގައި ހުންނަވާނީ އަންހެން ބޭފުޅެއްކަމަށްވާ ގަވަރުނަރުގެ ނައިބު ކެތީ ހޯޝަލް އެވެ. ކެތީ އެ މަގާމުގައި ހުންނަވާނީ ކޫމޯ ގެ ގަވަރުނަރުކަމުގެ ދައުރުގައި ބާކީ އޮތް މުއްދަތު ހަމަވާންދެންނެވެ.