11 Aug 2021, 00:26
މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގުގައި ދެން ބަލާނީ ހަމަލާއަށް ފަންޑު ކުރި ގޮތް ކަމަށް، އެ ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.
އައްބާސް މިއަދު ކުރެއްވި ޓުވީޓުގައިވާ ގޮތުން ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގެ ފުރަތަމަ ބައި މިހާރު ވަނީ ނިމިފައެވެ. އެހެންކަމުން އެމައްސަލައިގައި ދެން އިސްކަން ދޭނީ ހަމަލާއަށް ފައިސާ ހޯދި ގޮތް ވީހާވެސް އަވަހަކަށް ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު ތަހުގީގުގެ ފުރަތަމަ ބައި ނިމުމުން، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެން އިސްކަން ދެއްވާނީ މެއި ހައެއްގެ ހަމަލާއާ ގުޅުން ހުރި ލިންކުތަކާއި ފައިސާ ހޯދި ގޮތް ވީހާވެސް އަވަހަށް، ފުރިހަމައަށް ތަހުގީގު ކުރުމަށް ކަމަށް ބެލެވޭ،" ފާއިޒްގެ ޓުވީޓުގައިވެއެވެ.
މީގެ އިތުރުން ފާއިޒް ވަނީ އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހަތަރު މީހަކަށް ދައުވާކޮށްފައި ވާތީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ޕީޖީ ހުސައިން ޝަމީމް ގޮވާލައްވާފައިވުމުން، އެކަމަށް ތާއިދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ގާތުން ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން މަންދޫބެއްގެ ގޮތުން އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އައްބާސް ފާއިޒް އައްޔަން ކުރައްވާފައި ވަނީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހުއެވެ.
ރައީސްގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން, ރައީސް ނަޝީދަށް މާލޭގައި ދިން ހަމަލާއާ ގުޅޭ އެންމެހާ ތަހުގީގެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި، އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއްވެސް ތައްޔާރުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގެއިން އެމަނިކުފާނު ނުކުމެ ވަޑައިގެން، ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ވަނީ ގިނަ އަނިޔާތަކެއް ވެފައެވެ.
އެ ހަމަލާއާ ގުޅިގެން މިހާރު ދައުވާކޮށްފައި ވަނީ މއ. ފޭރުގެ، މުޖާޒު އަހުމަދު، (21އ)، ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު (32އ)، ވ. ތިނަދޫ، ހިޔާ, އަދުހަމް އަހުމަދު ރަޝީދު، (26އ) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27އ)ގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި ބޮޑެތި ހުކުމްތައް ކަނޑައަޅާފައިވާ ދައުވާތައް ކަމަށްވާ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި އެފަދަ ހަމަލާއެއް ދިނުމަށް ރޭވުން ހިމެނެއެވެ.