10 Aug 2021, 22:44
ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް މިއަދު ރާއްޖެއިން 1،668 މީހަކު ޖަހައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާއްމު ކުރި މައުލޫމާތުގައިވާ ގޮތުން މިއަދު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް މާލެ ސަރަހައްދުން 636 މީހަކު ޖެހިއިރު އަތޮޅުތަކުން 526 މީހަކު ޖެހިއެވެ. އަދި މިއަދު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު 1،162 އަށް އަރައެވެ. އެއީ މާލެ ސަރަހައްދުން 636 މީހަކާއި އަތޮޅުތަކުން 536 މީހެކެވެ.
ރާއްޖެއިން މިހާތަނަށް 332،816 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 287،599 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ.
މީގެ އިތުރުން، އެޗްޕީއޭއިން ވަނީ މިއަދު 110 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވީ 25 މީހަކު ހިމެނެއެވެ. އަދި އަތޮޅުތަކުން 72 މީހަކާއި ރިސޯޓްތަކުން 13 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
އެޗްޕީއޭއިން އާއްމު ކުރި މައުލޫމާތުގައިވާ ގޮތުން މިއަދު ޓެސްޓު ކުރި ސާމްޕަލްތަކުގެ ތެރެއިން 1697 ސާމްޕަލް ނަގާފައި ވަނީ މާލޭ ސަރަހައްދުންނެވެ.
މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 78،578އަށް އިތުރުވެފައެވެ.
މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 2،562 މީހުން ތިބިއިރު އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ 19 މީހުންނަށެވެ. އަދި މިހާތަނަށް ރާއްޖެއިން 75،778 މީހުން ކޮވިޑުން ރަނގަޅުވެފައިވާ އިރު ބަލީގައި ޖުމްލަ 222 މީހަކު މަރުވެފައިވެއެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުވެ ގިނަ ލުއިތަކެއް ދީފައިވާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ ވެކްސިން ޖެހުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެދިފައެވެ.