10 Aug 2021, 22:17
ކާބުލް (އޮގަސްޓް 10): އަފްޣާނިސްތާނުގެ ގިނަ ސްޓޭޓްތައް ތާލިބާނުންގެ ދަށަށްގޮސްފައިވާއިރު ވެރިރަށް ކާބުލްވެސް ހިސާރުކޮށް އެރަށަށް ވަދެގަންނަން ޖެހިދާނެކަމުގެ އިންޒާރު ތާލިބާނުން ދީފިއެވެ.
ތާލިބާނުންގެ ތަރުޖަމާނަކާ ހަވާލާދީ "ބްލޫމްބާގް" ބުނިގޮތުގައި ގަތަރުގެ ވެރިރަށް ދައުހާގައި ކުރިޔަށްދާ އަފްޣާން ސުލްހައިގެ ވާހަކަތައް ނާކާމިޔާބުވެއްޖެނަމަ ކާބުލް ހިސާރުކޮށް އެރަށަށް އަސްކަރީ ގޮތުން ވަދެގަންނަން އެޖަމާއަތް އޮތީ ތައްޔާރަށެވެ.
ގަތަރުގެ ވެރިރަށް ދައުހާގައި ކުރިއަށްދާ އަފްޣާން ސުލްހައިގެ ވާހަކަތަކުގެ އަމާޒަކީ ތާލިބާނުންނާއި އަފްޣާން ސަރުކާރާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމް ކުރުމެވެ. މިކަމުގައި މެދުވެރިއެއްގެ ބައި އަދާކުރަނީ ގަތަރުންނެވެ. ނަމަވެސް މިވާހަކަތަކުގައި އެމެރިކާއާއި އަފްޣާނިސްތާނުގެ އަވަށްޓެރި ދެގައުމު ކަމަށްވާ ޕާކިސްތާނާއި އީރާން ބައިވެރިވެއެވެ.
މިހާތަނަށް ބޭއްވި އަފްޣާން ސަރުކާރާއި ތާލިބާނުންގެ ސުލްހައިގެ ވާހަކަތަކުން އަފްޣާން ސުލްހައަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ތާލިބާނުންގެ ތަރުޖަމާނަކާ ހަވާލާދީ "ބްލޫމްބާގް" ބުނިގޮތުގައި އެޖަމާއަތް ބޭނުންވަނީ އަފްޣާން ސަރުކާރާއެކު ސުލްހައިގެ އެއްބަސްވުމެއް ވުޖޫދަށް ގެނައުމަށެވެ. ނަމަވެސް އެކަން ވާގޮތް ނުވެއްޖެނަމަ އަފްޣާނިސްތާނުގައި ކުރިޔަށްދާ ހަނގުރާމަ މިހާރަށްވުރެ ވަރުގަދަވެ އަދި މިހާރަށްވުރެ ލޭއޮހޮރުވުން ބޮޑު ހަނގުރާމައަކަށް ބަދަލުވެގެންދާނެ ކަމުގެ އިންޒާރުވެސް ތާލިބާނުންގެ ތަރުޖަމާން ވަނީ ދީފައެވެ.

ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ އަފްޣާން އާންމުން
އެމެރިކާގެ ޚާރިޖީ ވުޒާރާއިންވަނީ ތާލިބާނުން ބާރުގެ ބޭނުންކޮށްގެން ކާބުލްއަށް ވަދެގަނެ އަފްޣާން ސަރުކާރު ވައްޓާލައި އެޖަމާއަތުގެ ވެރިކަމެއް އަފްޣާނިސްތާނުގައި އިއުލާންކޮށްފިނަމަ އެ ވެރިކަމަށް އިއުތިރާފު ނުވުމަށް ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލާފައެވެ. ތާލިބާނުން މިހާރު ގެންދަނީ އެގައުމުގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ބަލަޚް ގެ އެންމެ ބޮޑު ސިޓީކަމަށްވާ މަޒާރޭޝަރީފް ހިފުމަށް މަސައްކަތް ކުރަމުނެވެ. މަޒާރޭޝަރީފް ގެ ވަށައިގެން އަފްޣާން ސިފައިންނާއި ތާލިބާނުންނާ ދެމެދު ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާކަމަށް އެސްޓޭޓްގެ ގަވަރުނަރާ ހަވާލާދީ އަލްޖަޒީރާ ބުނެއެވެ.
އެމެރިކާ ބުނާގޮތުން އަފްޣާނިސްތާން ތާލިބާނުންގެ ނުރައްކަލުން ސަލާމަތް ކުރުމުގެ ޒިންމާ ނަގަންޖެހޭނީ އަފްޣާން ސިފައިންނާއި އެގައުމުގެ ސަލާމަތީ ބާރުތަކެވެ. ނަމަވެސް ތާލިބާނުންގެ ނުރައްކަލުން ދިފާއުވުމަށްޓަކައި އަފްޣާން ސަރުކާރު އެދިއްޖެނަމަ ވައިގެ އެހީތެރިކަމާއި ޖާސޫސީ މައޫލޫމާތާއި އަސްކަރީ ލަފާ އަފްޣާން ސަރުކާރަށް ދެވިދާނެކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ ބުނެފައިވެއެވެ.
ތާލިބާނުން އަފްޣާނިސްތާން ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދާ ސްޓޭޓްތަކުގައި އެތަށް ހާސްބަޔަކުވަނީ އެމީހުންގެ ގެދޮރު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ނުކުންނަން ޖެހުމުގެ ސަބަބުން މަގުމަތިވެ ހާލުގައި ޖެހިފައެވެ. މީގެއިތުރުން ތާލިބާނުން ގެ ކޮންޓްރޯލްގެ ދަށަށްދިޔަ އަފްޣާން ސްޓޭޓްތަކުގައި ތާލިބާނުން އެޖަމާއަތާ ދެކޮޅު އަފްޣާން އާންމުންގެ އެތައް ސަތޭކަ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނެއެވެ.