މިދިޔަ އާދީއްތަ ދުވަހުގެ ރޭ ލަލީގާގައި ވެލެންސިއާ އާއި ދެކޮޅަށް ބާސެލޯނާ އިން ދެއްކި ކުޅުމަށް ތަޢުރީފް ކޮށް، ލީގުގެ އެއްވަނާގައިވާ ރެއާލް މެޑްރިޑާއި ދެމެދުވާ ދިހަ ޕޮއިންޓްގެ ފަރަގަކީ ގަބޫލުކުރެވޭނެ އެއްޗެއް ނޫން ކަމަށް ބާސާގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

"ރެއާލް އާއި ދެމެދު ދިހަ ޕޮއިންޓްގެ ފަރަގެއްވޭ. އެކަމަކު އެއީ އަހަރެމެން ދައްކާ ކުޅުމާ ބަލާ ނަމަ ގަބޫލުކުރެވޭނެ ކަމެއް ނޫން. އެކަމުގައި ގިނަ ކަންތައްތަކެއް ކުރިމަތި ވެފައިވޭ. އަދި އެ ޕޮއިންޓްތައް ހޯދުމަކީ ވަރަށް އުނދަގޫ ކަމެއްކަން ގަބޫލުކުރަން. އަހަރެމެންނަށް އޮތް ކަމަކީ ކުރިއަށް އޮތް ތިން މަސް ދުވަހު ރަނގަޅު ކުޅުމެއް ދެއްކުން." ގާޑިއޯލާ ބުންޏެވެ.

ބާސާގެ ކޯޗުކަމާއި ގާޑިއޯލާ ހަވާލުވި ފަހުން އެ ޓީމަށް ތޭރަ މުބާރާތް ކާމިޔާބު ކޮށްދީފައިވެ އެވެ. އާދީއްތަ ދުވަހުގެރޭ ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ބާސާ މޮޅުވީ 5-1 ލަނޑުންނެވެ. އެމެޗުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީގެ ފަރާތުން ހަތަރު ލަނޑު ފެނިފައިވެ އެވެ.