10 Aug 2021, 21:05
މިދިޔަ މާޗް މަހުގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލި 61 ކިލޯގެ ޑްރަގް މައްސަލާގައި ދައުވާ އުފުލާފައިވާ ހަތަރު މީހެއްގެ އަޑުއެހުން އަނެއްކާވެސް ލަސްވެއްޖެއެވެ.
މިދިޔަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަންއެއްގައި 61.06 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޖުމްލަ 11 މީހުންގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.
މިއަދު އެ 11 މީހުންގެ އިބްތިދާއީ އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވާއިރު އެތަނުން ހަތަރު މީހެއްގެ ވަކީލުންނަށް ހާޒިރު ނުވެވުމުގެ ސަބަބުން ގާޒީ ވަނީ މައްސަލަ އަލުން ތާވަލް ކުރާނެ ކަމަށް ވިދާޅުވުމަށްފަހު އަޑުއެހުން ނިންމަވާލައްވާފައެވެ.
އެގޮތުން އަޑުއެހުން ލަސްވި ހަތަރު މީހުންނަކީ މ. މުލި، ހުދުފިނިފެންމާގެ، މުހައްމަދު ނަޝީދު، ގދ. ރަތަފަންދޫ، ގުލްދަސްތާގެ، މުހައްމަދު ހަމީދު، މ. ކޮޅުފުށި، އޯޝަންވިއު، މުހައްމަދު މާއިދުގެ އިތުރުން މި މައްސަލައިގަައި އެންމެ އިސް މީހާކަމަށް ފުލުހުން ތުހުމަތު ކުރާ މއ. ބޮއިލިންފިޝް، އަހްމަދު ވިސާމެވެ.
މިއަދުގެ އަޑުއެހުމުގައި މިމައްސަލައިގައި ޝާމިލްވާ ހަ މީހަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ގާޒީ ދެއްވިއެވެ. މި ފުރުސަތުގައި އެ ހަ މީހުންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
ދައުވާއަށް އިންކާރުކުރި ހަ މީހުން:
1. މ. މުލި މުޝްތަރީގެ، މުހައްމަދު ރިޝްވާން އިބްރާހިމް
2. މ. މުލި، ސޯސަންވިލާ، ހުސައިން ސުނާޒް
3. ހުޅުމާލެ ފްލެޓް ނަންބަރު 6 ޖީ 4 ، އަހްމަދު ޝިފާޒް
4. މއ. ބޯޅަކިންކިރިމާގެ، އަބްދުﷲ ޝާމް
5. މ. މާކޮޅު، މުހައްމަދު މާއިޝް
6. މ. ކެޕްރިކޯން، ސައުދުﷲ ރަޝީދު
މީގެ އިތުރުން މި މައްސަލައިގައި ދައުވާ އުފުލާފައިވާ މއ. ވިރާހް، މުހައްމަދު ޝާމިން މިހާރު ހުރީ ބޭސްފަރުވާއަށް ވަކި ޝަރުތުތަކެއްގެ މަތިން ދޫކޮށްފއެވެ.
މި މައްސަލައިގައި ދައުވާ ކޮށްފައިވާ 11 މީހުންނަށްވެސް ޑައިމޯފިންޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާއިރު އެތަނުން ހަތް މީހަކަށް ވަނީ އެހެން ދައުވާއެއްވެސް އުފުލާފައެވެ.