ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޕޮލިސް ބޯޑަކީ ވެރިކަންކުރާ އެމްޑީޕީގެ ސިޔާސީ ބޭނުން ފުއްދަށް އެކުލަވާލާފައިވާ ބޯޑެއް ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ބުނެފިއެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ނިންމުމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ޕީޕީއެމް، ޕީއެންސީން ވަނީ އެކަމާ ކަންބޮޑުވުންފާޅުކޮށްފައެވެ.

ޕީޕީއެމް، ޕީއެންސީން ބުނީ އެމްޑީޕީން މިގޮތަށް ކަންތައް ކުރަމުން އަންނަނީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުން ވެސް ފުލުހުންގެ މުއައްސަސާ ސިޔާސީ ކުރަން ކުރި މަސައްކަތް ކާމިޔާބު ނުވެ، ވެރިކަން ކުރަން ނޭނގި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި، އެކަން ފުލުހުންނާއި ސިފައިންނާއި މަތިކޮށް ބަދަލު ހިފުމަށް ކަމަށެވެ.

އަދި ފުލުހުންގެ މުއައްސަސާއާ މެދު ހިންހަމަ ނުޖެހުން ފާޅުކޮށް އެމުއައްސަސާގެ އިސް އޮފިސަރުންތަކަކާމެދު ބަދަލު ހިއްޕެވުމުގެ ރޫހު ހުރިކަން ދޭހަވާ މޭރުމަކުން މަޖިލީހުގެ ޖަލްސާތަކުގައިވެސް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވާކަން ޕީޕީއެމް، ޕީއެންސީން ބުންޏެވެ.

ފޮލިސް ކޮމިޝަނަރުގެ މަގާމުގައި ރައީސުލްޖުމްހޫރިއްޔާގެ ޅިޔަނަކު ބަހައްޓަވައިގެން ކުރަމުން ގެންދާ މަސައްކަތަކީވެސް ބަދަލު ހިފުން ކަމުގައި ޕިޕީއެމް ޕީއެންސީ ކޯލިޝަނުން ތުހުމަތު ކުރެއެވެ.

ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ މުއައްސަސާތައް ސިޔާސީ ކުރުމަށް، ކުރަމުންގެންދާ މަސައްކަތްތައް ހުއްޓާލުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށާއި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ގޮވާލާ ކަމަށް އެ ބަޔާނުގައިވެއެވެ.